މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މަސްވެރިމަކުގެ ދާއިރާއަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަމްރީނުތަކަކީ ރަށު ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކެކެވެ.

Ad
rt

މި ތަމްރީނު ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި، މަހުގެ އަގުއެއްކުރި އުފެއްދުންތައް އިތުރުކޮށް އައު މާކެޓްތައް ހޯދުމެވެ.

މީގެ އިތުރުން، އައު ބާވަތްތަކުގެ މަސްވެރިކަން ތައާރަފްކޮށް އެކަން ދަސްކޮށްދިނުމާއި، މަސްވެރި ސިނާއަތުގައި ކަނބަލުންގެ ހިއްސާ އިތުރުކުރުމަކީވެސް މި ޕްރޮގްރާމްތަކުގެ އަމާޒެކެވެ.

2026 ވަނަ އަހަރަށް ހަމަޖެހިފައިވާ ތަމްރީނުތައް

މަސްވެރިކަމާ ބެހޭ ވުޒާރާއިން 2026 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މުހިންމު ދެ ތަމްރީނު ޕްރޮގްރާމެކެވެ. އެއީ:

  • ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް)ގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް.
  • އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް.

މި ޕްރޮގްރާމްތަކުގެ ތެރެއިން ރަށު ފެންވަރުގައި މަސްވެރި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ތަމްރީނާއި އިރުޝާދު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

މި ތަމްރީނުތައް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން، އެ ރަށެއްގައި ކުރިއަށް ގެންދަން ބޭނުންވާ ތަމްރީނު ޕްރޮގްރާމް ބަޔާންކޮށް، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އެ ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.