ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅުނު ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ކުޅުނު ފަހު މެޗު ބޮޑު ތަފާތަކުން މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ބަލިކޮށްފިއެވެ.
ކޮލިފިކޭޝަންގެ ފަހު މެޗަށް ނުކުތް އިރުވެސް ލީގަށް ކޮލިފައި ވެފައިވާ ދެ ޓީމުގެ ކުރިމަތިލުމުގައި ދިއްދޫއިން ވަނީ މާލޭ ރީޖަން ލީގު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 6-2 ލަނޑުން ކުރި ހޯދާފައެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ދިއްދޫ ވަނީ މެޗުގެ 6 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޒީ ނަންބަރު 12 ސަނާއު ނަސީރު އެވެ. ދިއްދޫ ލީޑު ފުޅާކުރީ މެޗުގެ 36 ވަނަ މެޗުގައި ޖޯޒީ ނަންބަރު 28 ޑަންޖޫމާ (ޑީޖޭ)ގެ ލަނޑުންނެވެ. ޑީޖޭ މި ގޯލް ޖަހައިދިނީ ހުސެއިން ސިފާހު (ސިފަޓީ) ދިން ޕާހެއް ބެނާޑް ގޯލަށް ފޮނުވާލުމުން ދަނޑީގައި ޖެހިފައި ނުކުތުމުން ޔޫސިފް އަަފުލް ފޮނުވާލި ބޯޅަ ބިސް ބުރުގެ ޑިފެންސް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ނުކުތް ވަގުތު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ދިއްދޫ ކުޅުންތެރިން ކާމިޔާބީގައި އުފާ ފާޅުކުރަނީ، ފޮޓޯ: އެފްއޭއެމް
ދިއްދޫ ވަނީ ދެވަނަ ހާފު ފަށައި 52 ވަނަ މިނިޓްގައި އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިއީ އެޓީމުގެ ޖޯޒީ ނަންބަރު 9 ބެނާޑް މުޅިން ހުސްކޮށް ހުރެފައި ގޯލްގެ ތެރެއަށް ވައްދާލައިގެން ޖަހައިދިން ލަނޑެކެވެ.
މެޗުގައި ބިސް ބުރުގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 63 ވަނަ މިނިޓްގައެވެ. އެއީ ދިއްދޫ ޑިފެންސްގެ މިސް ޕާހެއް ހޯދައި އަހްސަން ބިސް ބުރަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަހްސަނު ވަނީ އޭގެ މިނިޓެއްފަހު ލަނޑެއްޖަހައި ނަތީޖާ 3-2 އަށް ފަރަގު ކުޑަކޮށްފައެވެ. އެއީ އެޓީމަށް ލިބުނު ކޯނަރަކުން ބޮލުން ޖަހައި އަހްސަން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަނާއު އަށް ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ޓްރޮފީ ހަވާލުކުރަނީ، ފޮޓޯ: އެފްއޭއެމް
ދިއްދޫ އަށް އަނެއްކާ ވެސް ލީޑު ފުޅާކޮށް ދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 25 ޔޫސުފްގެ ލަނޑަކުންނެވެ. އެއީ މެޗުގެ 70 ވަނަ މިނިޓްގައި ޔޫސުފް ޖަހައިދިން ލަނޑެކެވެ. އެއިގެ އެއް މިނިޓް ފަހުން ދިއްދޫ އިން ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައި ނަތީޖާ 5-2 އަށް ފަރަގު ބޮޑުކޮށްފައެވެ. އެ ލަނޑު ދިއްދޫ އަށް ޖަހައިދިނީ މެޗުގެ އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން ސަނާއު އެވެ. މެޗުގައި ދިއްދޫގެ ފަހު ލަނޑު ފެނިގެން ދިޔައީ 88 ވަނަ މިނިޓްގައި އެ ޓީމަށް ހަތަރު ވަނަ ލަނޑުވެސް ޖަހައިދިން ޔޫސުފްގެ ފަރާތުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިއްދޫ އަށް ދެ ލަނޑު ޖަހައިދިން ސަނާއު އެވެ.
މި މެޗާއެކު ކޮލިފައިން ނިމިފައިވާއިރު، ޓީސީ، ބިސް ބުރު އަދި ދިއްދޫ ވަނީ 10 ޕޮއިންޓް ހޯދައި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މި ކޮލިފިކޭޝަންގައި މި ތިން ޓީމާއެކު ދެން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވީ ސައުތު ރީޖަނަލްގެ ޗެމްޕިއަން ގައްދޫ އެވެ.
ދިއްދޫ މެމްބަރު ލަތީފް ޓީމު ކުޅުންތެރިންނާ ސަލާމް ކުރަށްވަނީ، ފޮޓޯ: އެފްއޭއެމް
ދިއްދޫގެ މި ކާމިޔާބީއަކީ މުޅި ބޮޑު ތިލަދުން މައްޗަށް ލިބިގެން ދިޔަ ޝަރަފެކެވެ. އަބަދުވެސް ވަރަށް އެކުވެރި ރައްޔިތުންތަކެއް އުޅޭ ދިއްދޫ އިން މި ކުރި މި ކާމިޔާބު ދަތުރުގައި ދިއްދޫގެ އެކި ފަންތީގެ މީހުންނާއި، ދިއްދޫ ސްޕޯޓްސް އާއި ޖުމްލަގޮތެއްގައި ދިއްދޫ މުޅި ރައްޔިތުން ދެއްކި ކުޅިވަރުގެ ރޫހާއި އެއްބައިވަންތަކަން ފާހަގަކޮށްލެވެއެވެ. ދިއްދޫގެ މި ދަތުރުގައި ޓީމު ބައިވެރިވެފައި ވަނީ ދިއްދޫ ސްޕޯޓްސްގެ ފަރާތުންނެވެ. މި ކާމިޔާބީގައި ދިއްދޫ ސްޕޯޓްސްގެ ފައުންޑަރ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ޓީމާއި ވަރަށް ގާތުގައި ހުންނެވި މަންޒަރު ވަނީ ފެނިގެންގޮސްފައެވެ.
މީގެ އިތުރުން ދިއްދޫގެ ސަޕޯޓަރުންގެ ކިބައިން ފެނިގެން ދިޔަ ޖޯޝާއި ފޯރިއަކީ މި ފަހުގެ ތާރީޚެއްގައި ދިވެހި ޓީމަކަށް ދިން އެންމެ ފުރިހަމަ އެއް ސަޕޯޓުކަން ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީގައި ދިއްދޫ ސަޕޯޓަރުން ވަނީ 12 ވަނަ ކުޅުންތެރިޔާގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްދީފައެވެ.
ދިއްދޫ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ، ފޮޓޯ: އެފްއޭއެމް
ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!