ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނެނީ ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ. އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫ އަދި ގދ. ތިނަދޫ ސިޓީ އެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މި ނާސަރީތަކުގެ މަސައްކަތް ނިންމަންޖެހެއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެކަމަށް ލަފާކޮށްފައެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ތަންތަނުން ހައްދައި ބޭރުކުރާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިންނެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާޙް ކުރެވިގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ ތިމާވެށި ދުވަހުއެވެ. މިހާތަނަށް 5.8 މިލިއަނަށް ވުރެ ގިނަ އަހުދު ލިބި، 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާއިރު، 2026 ވަނަ އަހަރުގެ އަމާޒަކީ އިތުރު 1 މިލިއަން ގަސް އިންދުމެވެ.