މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައެވެ.
އަލްމުދެންޔާ އޭނާގެ ފިރިމީހާއާއެކު ރާއްޖެއަށް ކުރި މި ފުރަތަމަ ޒިޔާރަތުގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫ "ދަ ޕާލް ސީވިއު" ގެސްޓް ހައުސްގައެވެ.
ރާއްޖެ އަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު އައިސްފައިވާއިރު، ޖޫން ފުރަތަމަ ހަފުތާގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އެހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވާއިރު، މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 970,000 ފަތުރުވެރިންނެވެ.
ވަކިވަކި މަސްތަކަށް ބަލާއިރު، މި ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 26 އިންސައްތަ ދަށްވެފައެވެ. ޖޫން މަހު 30,000 ފަތުރުވެރިން އައިއިރު، މިދިޔަ އަހަރުގެ ޖޫން މަހު 40,000 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާޗް މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވެއެވެ.
މާކެޓްތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން ގާތްގަނޑަކަށް 150,000 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާއިން 130,000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!