އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަނީސް، ހިޖުރައިން 1116 ވަނަ އަހަރުގެ ރަމަޟާންމަހު (ޖަނަވަރީ 1705)،ގެ ތެރޭގައި އޭގެކުރީގައި ރަސްކަންކުރައްވާފައިވާ އިސްދޫ ދަރިކޮޅުގެ އައްސުލްޠާން ޙަސަން (ދިހަވަނަ) އާއި އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނާ ދެ ބޭފުޅުން ނަވެއްގައި އިންޑިއާގެ ސޫރަތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވިއެވެ.
އެ ދެ ބޭފުުޅުން މަސައްކަތް ކުރެއްވީ އޭރު އޮތް އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ނުވަތަ ދިޔަމިގިލީ ބަންޑާރައިންގެ ރަސްކަން އިންޤިލާބު ކޮށްލެއްވުމަށެވެ. ނުވަތަ އަލުން ރަސްކަމަށް އިސްވެވަޑައިގެންނެވުމަށެވެ. ދިޔަމިނގިލީ ރަދުން ރާއްޖޭގެ ރަސްކަން ހިޖުރައިން 1116 އިން 1133 އަށް (މީލާދީން 1704 އިން 1721 އަށް) ކުރެއްވިއެވެ. މި ރަދުންނާއެކު ރާއްޖޭގައި ފެށުނު ދިޔަމިނގިލީ ދަރިކޮޅުގެ ރަސްކަން ފެށިގެން އައީ ޝަރުޢީ ގޮތެއްގައި ކަމަކަށް ބައެއް ތާރީޚު ލިޔުންތެރިން ވެސް ދެކެވަޑައެއް ނުގަންނަވައެވެ.
ދިޔަމިނގިލީ ދަރިކޮޅުގެ ކުރިން ރަސްކަން ކުރި އިސްދޫ ދަރިކޮޅުން ތިން ރަސްކަލަކު ރަސްކަން ކުރައްވާފައިވާއިރު، އެ ދަރިކޮޅުގެ ރަސްކަންކަން ވެފައިވަނީ ސިިޔާސީ އިންޤިލާބުތަކެއް ހިނގަމުންދިޔަ ރަސްކަމަކަށެވެ. އިސްދޫ ދަރިކޮޅުގެ ބާނީ އަކީ އައްސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާރަދުން ނުވަތަ ޢަލީ ޝާހްބަންދަރެވެ. އިސްދޫ ދަރިކޮޅު ކިޔެއްކަމަކު މި ދަރިކޮޅުގެ އަސްލަކީ ހަތަރު މަތިފުށް ފުވައްމުލަކެވެ. އިސްދޫ ދަރިކޮޅޭ ކިޔެނީ ޢަލީ ޝާހްބަންދަރުގެ ކާފާފުޅު ލ. އިސްދޫގައި ވަޒަންވެރިވެ އޭނާގެ ޢާއިލާގެ އިސްދޫ ގޮފި، އިސްދޫ ދަރިކޮޅުގެ ގޮތުގައި ރާއްޖޭގެ ރަސްކަން ކުރެއްވީމައެވެ.
އައްސުލްޠާން ޙަސަން (ދިހަވަނަ) އަކީ އިސްދޫ ދަރިކޮޅުގެ ފުރަތަމަ ރަދުން، އައްސުލްޠާން ޢަލީ (ހަތްވަނަ) ގެ ދަރިކަލުންނެވެ. ދަރިކަލުން ރަސްކަމަށް އިސްވެވަޑައިގެނަތީ ބައްޕާފުޅު އަވަހަރާވުމުންނެވެ. ރަސްކަމަށް އިސްކުރެވުނުތަނާ އެ ރަދުންނަކީ ތަސައްރަފު ނުފުދޭ ތުއްޕުޅު ބޭފުޅަކަށް ވެގެން ރަސްކަމުން ދުރުކުރެއްވީ ނުވަތަ ރަސްކަމުން އަޒުލު ކުރެއްވީ ރަސްކަމުގެ ބޮޑުން ގެންނެވި އިންޤިލާބެއްގައެވެ. އެ އިންޤިލާބަށް ފަހު އިބްރާހީމް ވެލާނާ ތަކުރުފާނު އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީން ސިރީ މުތެއި ރަސްކަލޯކަ މަހާރަދުންގެ ނަންފުޅުގައި ރަސްކަމަށް އިސްވެވަޑައިގަތީއެވެ. އެއީ 1701 ވަނަ އަހަރެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވުމަށްފަހު ކުރިން ރަސްކަމުގައި ހުންނެވި ޙަސަން ރަސްގެފާނާމެދު ކަންތައްތައް ކުރެއްވި އޯގާތެރިކޮށްކަމަށް ވެއެވެ. މި ދެ ބޭފުޅުންނަކީ ޢާއިލީ ގާތް ދެބޭފުޅުންނެވެ. އިބްރާހީމް މުޡުހިރުއްދީނަކީ ޙަސަން ރަސްގެފާނުގެ ބޮޑު ބޭބެގެ ދަރިކަލެކެވެ.
އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނު، އެ ރަދުންގެ ކުރިން ރަސްކަމުގައި ހުންނެވި ޙަސަން ރަސްގެފާނާއެކު އަރިހުގައި 500 މީހުން ގޮވައިގެން ޙައްޖަށް ވަޑައިގަތުމަށް ފުރާވަޑައިގަތެވެ. ނަވަކާއި ހަތަރު ފުރެއްދެ އޮޑީގައި ފެށްޓެވި ދަތުރުފުޅު މަދީނާއަށް ވެސް ވަޑައިނުގެން ޖިއްދާއާ ހަމައިން ކުރުކޮށްލެއްވީއެވެ. އޭރު ކަށިވިދުރި ޖެހިވަޑައިގެން ރަދުންގެ އަނބިކަނބަލުންނާއި އެތައް ބަޔަކު އަވަހާރަވެއްޖެއެވެ. ރާއްޖެއަށް ފެށްޓެވި ދަތުރުފުޅުގައި ވިއްސާރައިގައި ޖެހި އޮޑިތައް ބެހިގެން ދިޔައީއެވެ. މާލެ އާދެވުނީ މަޝްހޫރު ތާރީޚު ލިޔުއްތެރިޔާ އަލްޤާޟީ ޙަސަން ތާޖުއްދީނު ހުންނެވި އޮޑިއަށެވެ. އެ އޮޑީގެ މީހުންނަށް ހީވެފައި އޮތީ އެހެން އޮޑިތަކުގައި ތިބި މީހުން އެ ވިއްސާރައިގައި ޖެހި ޣަރަޤުވެ މަރުވެ ދިޔައީ ކަމަށެވެ. މި ދަތުރުފުޅުގައި ރަދުންގެ އަރިހުގައި ގެންނެވި 500 މީހުންގެ ތެރެއިން 300 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ރަދުންނާއި ޙަސަން ރަސްގެފާނު ތިއްބެވި އޮޑިއަށް އެތައް ގެއްލުންތަކެއް ލިބުނެއްކަމަކު ސަލާމަތުން އިންޑިއާގެ ސޫރަތު ކައިރީގައި އޮތް ރަށަކަށް ވަޑައިގެންނެވުނެވެ. އެ ހިސާބުން ހިންގަވާފައި އެ ބޭފުުޅުން ސޫރަތަށް ވަޑައިގަތީއެވެ.
ރަސްގެފާނު ގެއްލުނު ނުވަތަ އަވަހަރާވީ ޚަބަރާއެކު ވެރިކަން ހޯއްދެވުމުގެ ބޮޑު ގަޑުބަޑެއް ހިނގިއެވެ. އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ތަޚުތަށް ދައުވާ ކުރެއްވިއެވެ. ހީލަތްތެރި ރޭވުންތައް ބައެއް ބޭފުޅުން ރޭއްވެވިއެވެ. އެ އެކަންކަން ފަޅާ ވެސް އެރިއެވެ. ބާރު ހުރި ފަރާތްތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރު ހިންގައި ރަށްރަށަށް ފޮނުވާލައްވާ ހެއްދެވިއެވެ. އެ ގަޑުބަޑުގެ ތެރޭގައި ރަސްކަމުގެ ތަޚުތު ގަދަބަދަވިކަމާއެކު ހޯއްދެވީ ޢާއިލީ ގޮތުން ރަސްކަމާ އެއްވެސް ގުޅުމެއްނެތް، އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ދިޔަމިނގިލީ މުޙައްމަދު ދޮށިމޭނާ ކިލެގެފާނެވެ. އެއީ ފަހުން އައްސުލްޠާން މުޡައްފަރު މުޙައްމަދު އިމާދުއްދީން (ދެވަނަ) އެވެ. އާދެ! ދިޔަމިނގިލީ ދަރިކޮޅުގެ ބާނީއެވެ. ދިޔަމިނގިލި ބަންޑާރައިންނެވެ. އެ ރަދުން ރަސްކަމަށް އިސްވެވަޑައިގަތީ މީލާދީން 19 ޑިސެންބަރު 1704 އެވެ.
ދިޔަމިނގިލީ ރަދުންގެ ރަސްކަން ބަދަލުކުރެއްވުމަށް ކުރީގެ ދެ ރަސްކަލުން އެކުގައި ކުރެއްވި މަސައްކަތް ފެށްޓެވީ ސޫރަތުގައި ތިއްބަވާފައި ރާއްޖެ ވަޑައިގެން މަނަދޫއަށް ފައިބައިވަޑައިގެން އެ ރަށުންނެވެ. މާލެ ހިއްޕެވުމަށް ގަސްދު ކުރައްވައިގެން ފެށްޓެވި ދަތުރުފުޅު ކާމިޔާބެއް ނުވިއެވެ. މާލެ ވަޑައިނުގެންނެވެނީސް ސަރުކާރުން ފޮނުއްވި އޮޑިއަކުން އެ ދެ ބޭފުޅުން ހިފާ ހައްޔަރުކުރެއްވީއެވެ. އެ މައްސަލައިގައި ބޭފުޅުން ވެސް އަރުވާލެއްވީ ފުވައްމުލަކަށެވެ. ފަހުން ޙަސަން ރަސްގެފާނު އައްޑުއަތޮޅު ހިތަދޫއަށް އަރުވާލެއްވިއެވެ. އެ ރަދުން ހަ އަހަރުފަހުން އެރަށުގައި އަވަހާރަވީއެވެ. ނަމަވެސް އޭރުއޮތް ރަސްކަން އިންޤިލާބު ކޮށްލެއްވުމަށް ކުރީގެ ރަދުން އިބްރާހީމް މުޡުހިރުއްދީން ފެށްޓެވި މަސައްކަތް ކުރިއަށް ގެންދެވިއެވެ.
ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވިއިރު ދެ ފަހަރު އިންޑިއާގެ ރަސްކަލެއްގެ އެހީއާއި ހަތިޔާރު ވެސް ހޯއްދެވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު ކާމިޔާބު ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ. އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީން އަވަހާރަވީ އިންޑިއާގައެވެ.
ފޮޓޯ ތަޢާރަފު: މަތިން ނަގާފައިވާ މަނަދޫގެ މިހާރުގެ ފޮޓޯއެއް.
ފޮޓޯ ކްރެޑިޓް: ޙައްޤުވެރި ފަރާތަށް.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!