ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ. ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި، ޚާއްސަ އިލެކްޓްރިކް އުޅަނދުތަކެކެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީ ސައުދީ ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ހޯދުމަށް މާލޭ ޓެކްސީ ލައިންގެ މޯބައިލް އެޕްލިކޭޝަންގެ އިތުރުން، ހޮޓްލައިން ނަންބަރު '1655' އަށް ގުޅައިގެންވެސް ޚިދުމަތަށް އެދެވޭނެއެވެ. ސައުދީ ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭގެ ހަނި ގޯޅިތަކަށް ބަސް ފަދަ ބޮޑެތި އުޅަނދުތަކަށް ނުވަދެވޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މި ޓެކްސީތަކުގެ ސަބަބުން ހައްލެއް ލިބޭނެއެވެ.
"މި ޚިދުމަތް ކުރިއަށް ދިޔަޔަސް ބަހުގެ ޚިދުމަތް ކުރިއަށް ދާނެ. ބަހުގެ ޚިދުމަތް ދޭ އިރު ބަހަށް ނުވަދެވޭ ހަނި ގޯޅިތަކަށް. ބަސް ކުޑަ ކުރެވޭކަށް ނެތް. އެހެންވީމަ މިއާއި އެކު ލުއިތަކެއް ލިބޭނެ،" ސައުދީ ވިދާޅުވިއެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތަކީ 24 ގަޑިއިރު މެދުނުކެނޑި ދެމުންގެންދާ ޚިދުމަތެކެވެ. މި ޚިދުމަތް މާލެ އާއި ހުޅުމާލޭގައި ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!