ހއ. ބާރަށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، އެ ރަށުގެ ރުއްތަކަށް ފެތުރެމުންދާ ބަލީގެ މައްސަލައާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބާރަށު ކައުންސިލާއި ބާރަށު ދާއިރާގެ މެންބަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
d

މި ބައްދަލުވުމުގައި ބާރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެން، ރަށުގެ ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބާރަށު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން ފާހަގަކުރީ އެ ރަށުގެ ރުއްތަކަށް ފެތުރެމުންދާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމެވެ. މީގެ އިތުރުން، ބާރަށުގައި ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

Ad
df

ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބާރަށުގެ ރުއްތަކަށް ޖެހިފައިވާ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރަށަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.