ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެކަން މިއަދު ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

މިކަން އިޢުލާނުކުރެއްވީ ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

Ad
d

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ ރައީސުން ހިމެނެއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބުދުއްރަޙީމް ވިދާޅުވިގޮތުގައި މި އިންތިޚާބުގައި ކުރިމަތިލުމާއި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަންޏެވެ. އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް އެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ.

އިންތިޚާބުގެ ތާވަލާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ޖުލައި 1 ވަނަ ދުވަހު ވަގުތީ ވޯޓާސް ލިސްޓު އިޢުލާނުކޮށް ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި، ދާއިމީ ލިސްޓު ޖުލައި 4 ގައި އާއްމުކުރާނެ ކަމަށެވެ. އަދި ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ އިންތިޒާމުތައް ބެލެހެއްޓުމަށް 13 މެމްބަރުންގެ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

Ad
df

މި އިންތިޚާބުގައި ދާއިރާގެ ރައީސުން ހޮވާނީ ޕާޓީގެ މަޖިލިސް މެމްބަރުން ނެތް ދާއިރާތަކަށް އެކަންޏެވެ. މަޖިލިސް މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންގެ މަގާމު ފުރުއްވާނީ އެ މެމްބަރުންނެވެ. ނަމަވެސް "ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް އޮންނާނެ" ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.