އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް 4.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް ޔޫރަޕިއަން-މެޑިޓެރޭނިއަން ސީސްމޮލޮޖިކަލް ސެންޓަރުން ރިޕޯޓްކޮށްފިއެވެ.
މި ބިންހެލުން އައިސްފައިވަނީ އީރާނުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ބަންދަރު އައްބާސްއާ 113 ކިލޯމީޓަރު އިރުއުތުރުން އޮތް ސަރަހައްދަކަށެވެ.
އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ ސަރުގަޒް ސަރަހައްދަށް އައި މި ބިންހެލުން ހުރީ ބިމުގެ 22 ކިލޯމީޓަރު އަޑީގައެވެ. މި ލޮޅުންތަކުގެ އަސަރު ކައިރީގައި އޮތް ކަރްމާން ޕްރޮވިންސަށްވެސް ކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ އިމާރާތަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ހުރުމުޒްގާން ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓްގެ އިސްވެރިޔާއާ ހަވާލާދީ ލޯކަލް މީޑިއާތަކުން ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން އެއްވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މިއީ ފާއިތުވި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައި ބާރުގަދަ ބިންހެލުންތަކުގެ ތެރެއިން އެއް ބިންހެލުމެވެ.
މީގެ އިތުރުން، ހޯމަ ދުވަހު ކިއުބާގެ ހުޅަނގު އުތުރު އައްސޭރިއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުމުގެ އަސަރު ކިއުބާގެ އިތުރުން މެކްސިކޯ އަދި ފްލޮރިޑާގެ ބައެއް ސަރަހައްދުތަކަށްވެސް ކޮށްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ސަރަހައްދުތަކަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދުތަކެއް ނޫނެވެ.
ހަމަ އެދުވަހު ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ އައިލެންޑަށް 7.8 މެގްނިޓިއުޑްގެ ވަރަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުމުގައި މަދުވެގެން 32 މީހުން މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި މި ބިންހެލުމާ ގުޅިގެން ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރުވެސް ނެރެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!