ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގަވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުމާއި އެކުގައި ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިމޭރުމުން ވިދާޅުވީ، މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވެއްގައެވެ.
ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައ ފަންނާއި ތަރިކައާއި ސަގާފަތުގެ ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ ތަރައްޤީ ނުކުރެވޭނެއެވެ.
މީގެ އިތުރުން ދާއިރާ ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތް ބައްޓަން ކުރައްވާނީ އެ ރޫޙު އުފެއްދޭނޭ ގޮތުގައި ކަމުގެ ޔަޤީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ބައިވެރިވީ އެ ޖަމިއްޔާގެ ރައީސް ޠާހާ އަބޫބަކުރުގެ އިތުރުން ސެކެޓްރީ ޖެނެރަލް އަޙްމަދު އަފްރަހެވެ. މި ބައްދަލުވުމުގައި ޖަމިއްޔާގެ ރައީސް ޠާހާ ވަނީ ޖަމިއްޔާގެ ފަރާތުން މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން ވަނީ އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މި ދާއިރާގައި މަސައްކަތް ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތު ވަޒީރުގެ ސަމާލުކަމަށް ގެންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!