މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖޫން 7 ވަނަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. ފުލުހުން ބުނީ އޭނާ ފެނުމާއެކު ވަގުތުން ގދ. ގައްދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އިސްޙާޤު ރަޝީދު ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
"އެމީހާ ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ،" ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!