ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތައް ވަރުގަދަކޮށް، ޕާޓީގެ އިންތިޒާމުތައް ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ޚާއްޞަ ޓީމުތަކެއް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް އެ ޕާޓީގެ އިންތިޒާމު ކޮމިޓީން ނިންމައިފިއެވެ.

މި ދަތުރުތަކާ ގުޅޭގޮތުން ޕީއެންސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބުރައީސް އަދި ޕާލިމަންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރ، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، ޕާޓީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރުގެ އިތުރުން ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

Ad
rt

މީގެ އިތުރުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހާއި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ވެސް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުތައް ރޭވުމުގެ މައިގަނޑު މަޤްޞަދަކީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރުވުމެވެ. މިގޮތުން ރަށްރަށުގައި ތިއްބެވި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ޕާޓީގެ ސްޓިއަރިން ކޮމިޓީތައް އަލުން އެކުލަވައިލުމާއި، ޕާޓީގެ ގޮފިތަކުގެ ރައީސުން އިންތިޚާބުކުރުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެ ޕާޓީން ބުނެއެވެ.