ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، ޢަބްދުﷲ ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ އެއް ބިލިއަން ޑޮލަރަށްވުރެ ބިޔަ ދަރަނި މި ސަރުކާރުން ދައްކާފައިވާކަމަށާއި، އެ ބޭފުޅުންވެސް މި ސަރުކާރުގެ ކާމިޔާބީ ބަލައިގަނެ ޝުކުރުވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ، ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން' ފިޗް ރޭޓިންގްސް އިން 'ސީސީ' އިން 'ސީސީސީ-' އަށް މަތިކުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައެވެ.

Ad
rt

އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ކުރީގެ ވެރިންގެ ސަބަބުން ސަލާމަތްނުވާނެ ފަދަ ނުބައި ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑު ހިތަށްއަރާ ކުރީގެ ރައީސް ޔާމީނާ، ރައީސް ނަޝީދު އާއި، ރައީސް ޞާލިޙްގެ މި 3 ވެރިކަމުގައި ނަގާފައިވާ 1 ބިލިއަން ޑޮލަރަށްވުރެ ބިޔަބޮޑު ދަރަނި މި 3 ވެރިންވެސް ނުދެއްކޭނޭ ހިތާ އުފަލުން ހޭންތިއްބާ، މާތްﷲގެ ރަޙްމަތްފުޅުން ދައްކާ ޚަލާސްކޮށް އަންނަން އޮތް ޖީލަށް މި ޤައުމު ސަލާމަތްކޮށްދިނީތީ، މި 3 ރައީސުންވެސް ރައީސް މުޢިއްޒުއާއި މި ސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ" ފަލާހް ވިދާޅުވިއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވަނީ ރާއްޖޭން 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެންނެވެ. މި ސުކޫކް ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުން 175 މިލިއަން ޑޮލަރު އަދި ރިޒާވުން 350 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާކަން ފިޗުން ފާހަގަކުރެއެވެ. މީގެ އިތުރުން މިއަހަރު ދައްކަން އޮތް 1.1 ބިލިއަން ޑޮލަރުގެ ދަރަނި، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު ވަނީ 535 މިލިއަން ޑޮލަރަށް ދަށްކުރެވިފައެވެ.

ސަރުކާރުން އާމުދަނީ އިތުރުކުރުމަށް ފަށާފައިވާ އިޞްލާޙީ މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ އާ ޤާނޫނުގެ ސަބަބުން ދައުލަތުގެ މާލީ ޤާބިލުކަން އިތުރަށް ވަރުގަދަވާނެ ކަމަށް ފިޗުން ލަފާކުރެއެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ބޭރު ފައިސާގެ ރިޒާވް އަލުން ބިނާކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އިގްތިސާދީ ކުރިމަގަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން ދިއުމާއެކު 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު އަހަރަކު 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފައެވެ. ފަލާހް ވަނީ ރައީސް މުޢިއްޒަކީ ޤައުމު އެދޭފަދަ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެމަނިކުފާނަށް ސާބަސް ދެއްވާފައެވެ.