ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ޓީމް ނައިވާދޫ ދަތުރުކުރުމާ ގުޅިގެން، އަތޮޅު ކައުންސިލުން އެ ޓީމަށް ދޭނެ ކަމަށް ބުނި 50،000 (ފަންސާސް ހާސް) ރުފިޔާ މިހާތަނަށް ވެސް ނުލިބޭ މައްސަލައިގައި ޓީމުގެ މެނޭޖްމަންޓުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.
ޓީމް ނައިވާދޫގެ އޮފިޝަލަކު ބުނީ މި ފައިސާ ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަޙީދު (ވައްޑޭ) އާއި ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވަނީ ކުރިން ދެއްވާފައެވެ.
''ކައުންސިލްގެ އިސްވެރިން މިފަދަ ޔަގީންކަމެއް ދެއްވުމާ ގުޅިގެން، ޓީމް މެނޭޖްމަންޓުން ވަނީ އެ ފައިސާ ލިބޭނެ ކަމަށް ބަލައި، މުބާރާތުގެ ތެރޭގައާއި މުބާރާތަށްފަހު ކުރަންޖެހުނު މުހިންމު ބޮޑެތި ޚަރަދުތަކެއް ކޮށްފައި،'' އޭނާ ބުންޏެވެ.
ނަމަވެސް، މުބާރާތް ނިމި ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ވެސް އެ ފައިސާ ލިބޭނެ ގޮތެއް ނުވުމުން، މިއީ އަތޮޅު ކައުންސިލްގެ ރައީސާއި ނައިވާދޫ ކައުންސިލްގެ ރައީސް އިޚުލާޞްތެރިކަމެއް ނެތި ޒުވާނުންގެ ނަމުގައި އަމިއްލަ ފައިދާތަކެއް ހޯއްދެވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ޓީމުގެ މެނޭޖްމަންޓުން މިހާރު ތުހުމަތު ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ އޮފިޝަލް ބުނި ގޮތުގައި، މި ފައިސާ ހޯދުމަށް މިހާރު ކައުންސިލްގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ.
"އަޅުގަނޑުމެންނަށް ދިން ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ދަރަންޏަށް ވެސް ގިނަ ކަންތައްތަކެއް ކުރެވުނީ. އެކަމަކު މިއަދު ފެންނަނީ ޒުވާނުންގެ ބޭނުން ހިފުމަށްފަހު، އެ ވީ ވައުދުގެ މަތިން ހަނދާން ނައްތާލާފައިވާ ތަން،" ކަންބޮޑުވުންފާޅުކުރަމުން އޭނާ ބުނެފަވެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން ނައިވާދޫ ކައުންސިލްގެ ކުރީގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ، ނައިވާދޫ ޓީމުގެ ބުރަމަސައްކަތާއި ހޯދައިދިން ކާމިޔާބީ އަދި ފަޚުރަށްޓަކައި އެ ފައިސާ ހޯދުމުގެ މަސައްކަތް ހެޔޮ ނިޔަތުގައި ކުރެއްވިކަމަށެވެ.
''އަޅުގަނޑު އެންގިން ޓީމަށް އަތޮޅު ކައުންސިލުން މި ނިންމުން ނިންމާފައިވާކަމަށް، މިއީ ރިޔާސަތުން އަތޮޅު ކައުންސިލްގެ ރައީސް ހުށަހަޅުއްވައި އަތޮޅު ކައުންސިލްގެ މެމްބަރުން ފާސްކޮށްފައިވާ ނިންމުމެއް، ނައިވާދޫ ޓީމަށް 50 ހާސް ރުފިޔާ ދިނުމަށް ހުށަހެޅުއްވީ ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް، އެ ހުށަހެޅުން ފާސްކުރީ، އަޅުގަނޑު މަސައްކަތްކުރިން އެ ނިންމުމާއި އެއްގޮތަށް އެ ފައިސާ ހޯދައިދޭން، މާތްﷲ ދެނެވޮޑިގެންވާނީ އެކަމުގައި ކުރެވުނު މަސައްކަތް'' ޢަލީ ރަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ހދ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، އެއީ އަތޮޅު ކައުންސިލްގެ މެމްބަރުން ހެޔޮ ނިޔަތުގައި ނިންމި ނިންމުމެއްކަމަށާއި، އެ ނިންމުން ތަންފީޒުކުރުމަށް އޭނާ ސެކްރެޓަރީ ޖެނެރަލަށް ދެންނެވިކަމަށެވެ. އެ ނިންމުމަކީ ކައުންސިލްގެ އަހަރީ މަސައްކަތުގެ ތާވަލުގައި އާއި ބަޖެޓްގައި ކުރިން ހިމަނާފައިވާކަމަކަށްނުވާތީ، އެފައިސާ ޚަރަދުކުރުމަކީ މާލީ ގަވާއިދުތަކާއި އުސޫލްތަކާއި ޚިލާފްކަމެއްކަމަށް އަންގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ގާނޫނީ ލަފާދީފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
ނައިވާދޫން ވަނީ މިއަހަރު ހުޅުމާލޭގައި ބޭއްވި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލާފައެވެ. 14 ފެބްރުއަރީ 2026 ވަނަ ދުވަހު ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ ޗެމްޕިއަންކަން ހޯދީ 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ.
ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ. އަދި ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި އިސްލާހާއެކު ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރު ފެށުމާއެކު އަތޮޅު ކައުންސިލްތައް މިހާރު ވަނީ އުވިގެންގޮސްފައެވެ. ނަމަވެސް އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ވެސް ވަނީ އެލްޖީއޭގެ އޮފީހެއް އުފައްދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!