އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ސެލްފް ޑެކްލަރޭޝަން ފޯމް (އެސްޑީއެފް) ފުރަންޖެހޭ ގޮތަށް އެ ގައުމުގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާއަށް ދަތުރުކުރާ ފަސިންޖަރުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، މި ފޯމު އެ އެއާލައިންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފަސިންޖަރުން މި ފޯމު ފުރުމަށްފަހު ހުށަހަޅަންޖެހޭނީ އިންޑިއާއަށް ގޮސް އެ ގައުމުގެ ހެލްތު އެންޑް އިމިގްރޭޝަން ކައުންޓަރަށެވެ.
Heading to India? ✈️
Don’t forget your mandatory Self-Declaration Form!
Scan the QR code to fill it out before your flight and present it at Immigration upon arrival.#MaldivianAero pic.twitter.com/I03jJXLRYj
— MaldivianAero (@MaldivianAero) May 28, 2026
ބަލިމަޑުކަމަކާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މި ފިޔަވަޅު އަޅާފައިވަނީ އެބޯލާގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ 'ބުންޑިބުގްޔޯ' ސްޓްރެއިން ފެތުރެން ފެށުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެންނެވެ. މި ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އިންޑިއާގެ ބޯޑަރުތަކުގައި ވަނީ ސާވޭލަންސް ވަރުގަދަކޮށްފައެވެ.
މިގޮތުން، ބަލި ފެތުރޭ ސަރަހައްދުތަކުން އަންނަ ފްލައިޓްތަކުގައި ހާއްސަ އިއުލާނުތައް ކުރުމާއި، ހުރިހާ ފަސިންޖަރުންނަށް ސެލްފް ޑެކްލަރޭޝަން ފޯމު ބެހުމަށް އެއާލައިންތަކަށް ވަނީ އަންގާފައެވެ. އަދި އެއާޕޯޓުތަކުގައި 24 ގަޑިއިރު ތާމަލް ސްކޭނިންގް ކުރިއަށްދާނެ ކަމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ދަތުރުވެރިން ސަމާލުވާންޖެހޭ ކަންތައްތައް
ބަލި ފެތުރޭ ގައުމުތަކުން ނުވަތަ އެ ގައުމުތައް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުން، އިންޑިއާއަށް ދިއުމަށްފަހު 21 ދުވަސް ވަންދެން އަމިއްލައަށް ސިއްހީ ހާލަތު މޮނިޓަރ ކުރަންޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި ހުން އައުން، ވަރުބަލިވުން، މަސްތަކުގައި ރިއްސުން، ނުވަތަ ލޭ އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި ދަތުރުގެ ތަފްސީލު ހިއްސާކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އިންޑިއާގެ ރައްޔިތުންވެސް ކޮންގޯ، ޔުގެންޑާ އަދި ސައުތު ސޫދާން ފަދަ ހައި-ރިސްކް ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިންޑިއާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!