އީރާނުގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އެމެރިކާ ސިފައިން ރޭގަނޑުގެ ވަގުތެއްގައި އާ ހަމަލާތަކެއް ދީފައިވާ ކަމަށާއި، ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދަށް ނުރައްކާވާ ގޮތަށް އުދުއްސާލާފައިވާ އީރާނުގެ ހަތަރު ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދީފައިވާކަމަށް އެ ނޫހުން ބުނެފިއެވެ.
މި ޚަބަރު ސީއެންއެން، ނިއުޔޯކް ޓައިމްސް، އެންބީސީ، ވޯލް ސްޓްރީޓް ޖާނަލް، އަނަޑޮލް އަދި ގަލްފް ނޫސް ފަދަ ނޫސްތަކުން ވެސް ރިޕޯޓްކޮށްފައިވާއިރު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރޮއިޓާސް އަށް މައުލޫމާތު ދިން އެމެރިކާގެ މި އޮފިޝަލް ބުނެފައިވާގޮތުގައި، އެމެރިކާއިން ހަމަލާދީފައިވަނީ އީރާނުގެ ބަންދަރު އައްބާސްގައި ހުންނަ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށެވެ. މި ތަނަށް ހަމަލާދިނީ ފަސްވަނަ ޑްރޯންއެއް އުދުއްސާލަން ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ ކުރިން ރިޕޯޓްކޮށްފައިނުވާ މި ހަމަލާތައް ދީފައިވަނީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކާއެކު ފެށުނު ތިން މަސްވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
"މި ފިޔަވަޅުތަކަކީ ހަމައެކަނި ދިފާއީ ގޮތުން އެޅި، އަދި ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމުގެ މަގްސަދުގައި އެޅި މިނެކިރިފައިވާ ފިޔަވަޅުތަކެއް،" އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އީރާނާއި އޮމާނުން ގުޅިގެން ހޯރްމޫޒް ކަނޑުއޮޅީގެ ކަންކަން ބަލަހައްޓާނެ ކަމަށް ބުނެ އީރާނުގެ ދައުލަތުގެ މީޑިއާއިން ފެތުރި ރިޕޯޓްތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުދަ ދުވަހު ދޮގުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެ ކަނޑުއޮޅި އޮންނާނީ ހުޅުވިފައި ކަމަށެވެ.
އެމެރިކާއިން އެންމެ ފަހުން އީރާނަށް ހަމަލާތަކެއް ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެއީ ދެ ގައުމުގެ މެދުގައި އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި އެ ހަމަލާތައް އަމާޒުކުރީ ކަނޑުގައި މައިން ވަޅުލުމަށް މަސައްކަތްކުރި ބޯޓުތަކަށާއި މިސައިލް ފޮނުވާ ސައިޓްތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!