މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ހުރިހާ ބާވަތްތަކެއް އައްޑޫ އިން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އައްޑޫ ސިޓީ ހިތަދޫގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވައިފިއެވެ.

ހިތަދޫ އައިސް ޕްލާންޓް ކައިރީގައި ހުރި މި ފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއެވެ.

Ad
d

މި ފިހާރައަކީ ވެރިރަށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ހުޅުވި މިފްކޯގެ ފުރަތަމަ ފިހާރައެވެ.

ހޯމަ ދުވަހުގެ ރެއިން ފެށިގެން މި ފިހާރައިން އާންމުންނަށް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

މި ފިހާރަ ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި، އަދި މެދުނުކެނޑި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުނކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މި އައުޓްލެޓުން މިފްކޯގެ މަސްދަޅުގެ ބާވަތްތަކާއި، ގަނޑުކުރި މަހުގެ އިތުރުން އެ ކުންފުނީގެ އެހެނިހެން އުފެއްދުންތައްވެސް ލިބެން ހުންނާނެއެވެ.

Ad
df

މިފްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އައުޓްލެޓްތައް ގާއިމުކޮށް، ޚިދުމަތް ފުޅާކުރުން ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިގޮތުން އަވަށްޓެރި ލަންކާގައި ވެސް މިފްކޯގެ ފިހާރައެއް މި މަހު ހުޅުވާފައިވާކަން ފާހަގަކޮށްލެވެއެވެ.