ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ މޭރީ ބްއަރުންއާ ދިމާ ޖެޓީ ކައިރިންނެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ދޯދިލް، މައިޝަމް މުޙައްމަދު (20އ) އާއި، ނ. ކެނދިކުޅުދޫ، ކުޅުދޫ. ގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ މެއި 21 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެންނެވެ.

އެ މީހުން ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ކަޅު ކޮތަޅެއްގެ ތެރެއިން 2 ކޭސް ބަނގުރާ (48 ފުޅި) ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.