އިސްތިރާތީޖީ ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ލީޑަރުންނާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ، ސުލްހައާ ގުޅޭ ފަހުމުނާމާއެއްގެ ކަންކަމުގައި ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ޕާކިސްތާން، ތުރުކީ، މިސްރު، އުރުދުން އަދި ބަހްރޭންގެ ލީޑަރުންނާ އޯވަލް އޮފީހުން ވާހަކަދެއްކެވި ކަމަށެވެ.
"އެމެރިކާއާއި، އީރާނާއި، އަދި އެހެނިހެން ގައުމުތަކުގެ މެދުގައި އެއްބަސްވުމެއްގެ ބޮޑުބައި މިހާރު ވަނީ ނިމިފައި،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވަކިން ވާހަކަދެއްކެވި ކަމަށާއި، އެ މަޝްވަރާތައްވެސް ވަރަށް ކާމިޔާބު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެއްބަސްވުމުގެ އެންމެ ފަހުގެ ތަފްސީލުތަކާ މެދު މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ވަރަށް އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބަޔަކީ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އެއްބަސްވުމުގެ އެހެން ގިނަ ކަންތައްތަކުގެ އިތުރުން، ހޮރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނެ،" އޭނާ ވިދާޅުވިއެވެ.
މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ފުޅާ ޑިޕްލޮމެޓިކް އެއްބަސްވުމަކާ ގާތަށް ދެވިފައިވާ ކަމުގެ އެންމެ ވަރުގަދަ ނިޝާނެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވެފައި ވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، އެމެރިކާއާއި ގަލްފުގެ ގައުމުތަކާއި ޕާކިސްތާން ހިމެނޭހެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދިޔަ ވަރުގަދަ ދިޕްލޮމެޓިކް މަސައްކަތްތަކަކަށް ފަހުގައެވެ.
މިކަމާއި ގުޅޭގޮތުން އީރާނުން އަދި އެއްޗެއް ނުބުނިނަމަވެސް އެ ގައުމުން ހޮނިހިރު ދުވަހު ވަނީ ޓްރަމްޕް މިހާރު ވަނީ ހަނގުރާމައިގެ "ޗަކަގަނޑެއްގައި" ބެދިފައިކަމަށާއި، އަދި ތެހެރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް ބޯލެނބުން ނޫން ގޮތެއް އެމެރިކާއަށް ނެތް ކަމަށް ބުނެފައެވެ. އަދި އެ ޝަރުތުތަކަށް އެއްބަސްނުވާނަމަ އެމެރިކާ އަށް މިއަށްވުރެ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އީރާނުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!