ވެސްޓް އެފްރިކާގެ ސެނެގާލްގެ ސިޔާސީ މަސްރަޙަށް ބޮޑު ލޮޅުމެއް އަރައި، އެގައުމުގެ ރައީސް ބަސީރޫ ދިއޯމާއީ ފަޔޭ، ބޮޑުވަޒީރު އުސްމާން ސޮންކޯ މަގާމުން ވަކިކުރައްވައި މުޅި ސަރުކާރު އުވާލައްވައިފިއެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް ދަންވަރުގެ ވަގުތެއްގައި އިއްވި ރިޔާސީ ގަރާރަކާއެކު، ސެނެގާލްގެ އެންމެ ވަރުގަދަ ސިޔާސީ އިއްތިހާދަށް މިވަނީ ކުއްލި ނިމުމެއް އައިސްފައެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ސަރުކާރުގައި އެކުގައި ޖަލަށްލެވި، މިއަހަރުގެ މާރިޗު މަހު ބޭއްވި އިންތިޚާބުގެ 10 ދުވަސް ކުރިން މިނިވަންވެ، ޒުވާނުންގެ ބޮޑު ތާއީދަކާއެކު ވެރިކަމަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ މައިގަނޑު ސަބަބަކީ ގައުމުގެ އިގްތިސާދީ ކަންކަމާއި ސިޔާސަތުތައް ބައްޓަންކުރުމުގައި ހުރި ފުށުއެރުންތަކެވެ. އެގޮތުން:
އައި.އެމް.އެފް އަދި ދަރަނީގެ މައްސަލަ: ސެނެގާލްގެ ދަރަނި ޖީ.ޑީ.ޕީގެ 132 އިންސައްތައަށް އަރާފައިވާއިރު، އައި.އެމް.އެފް އިން ވަނީ 1.8 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމެއް ހުއްޓާލާފައެވެ. ރައީސް ފަޔޭ ބޭނުންފުޅުވީ އައި.އެމް.އެފް އާއެކު މަޝްވަރާކޮށްގެން ދަރަނި ރީސްޓްރަކްޗަރ ކުރާށެވެ. ނަމަވެސް ބޮޑުވަޒީރު ސޮންކޯ ވަނީ އެކަމާ ވަރުގަދައަށް ދެކޮޅު ހައްދަވާފައެވެ.
ތެލުގެ ސަބްސިޑީ: ތެލުގެ ސަބްސިޑީއަށް ހިނގާ ޚަރަދު ބޮޑުވުމުން، ތެލުގެ އަގުބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީން ބޭނުންވި ނަމަވެސް، ސޮންކޯ ވަނީ އެކަމަށް ހުރަސްއަޅުއްވާފައެވެ.
ޒާތީ އަދި ސިޔާސީ ޚިޔާލުތަފާތުވުން: ސޮންކޯ ވަނީ ރައީސް ފަޔޭއަށް "ލީޑަރޝިޕް ފެއިލްވެފައިވާ" ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މަޖިލީހުގައި ވާހަކަދައްކަވަމުން ސޮންކޯ ވިދާޅުވީ އޭނާއަކީ ހުރިހާ ކަމަކަށް އާނބަސް ބުނެ، ކިޔަމަންވާނެ ބޮޑުވަޒީރެއް ނޫން ކަމަށެވެ. އަނެއްކޮޅުން ރައީސް ފަޔޭ ވަނީ ސޮންކޯ ޕާޓީގެ އެޖެންޑާ އަމިއްލަ ކަމެއްގެ ގޮތުގައި ކުރިއަށްގެންދަވާތީ އެކަމާ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައެވެ.
އާ ސަރުކާރެއް އެކުލަވާލެވެންދެން ވަޒީރުން އާދައިގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާނެއެވެ. މަގާމުން ވަކިކުރުމާ ގުޅިގެން ސޮންކޯ ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާ ހުންނެވީ ހިތްހަމަޖެހިގެން ކަމަށެވެ. ނަމަވެސް، ސޮންކޯގެ "ޕާސްޓެފް" ޕާޓީއަކީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕާޓީއަށް ވާތީ، ކުރިއަށް އޮތް ތަނުގައި އިގްތިސާދީ އިސްލާހުތައް ގެނައުމުގައި ރައީސް ފަޔޭއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!