ވ. އަތޮޅުގެ ތިންވަނަ ކަނޑު ހޮހަޅައަށް ވަދެ އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާއަކީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ވެލީގެ ފާރެއްގެ ކުށްހީ" އެއްގެ ސަބަބުން، ހޮހަޅައިން ނުކުންނަން އުޅުމުގެ ތެރޭގައި އޮޅިގެން އެހެން ދިމާލަކަށް ދެވުމުން ދިމާވި ހާދިސާއެއް ކަމަށް ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ބުނެފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން ދެ ރިސާޗަރުންނާއި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އެވެ. ބެނެޑެޓީގެ ހަށިގަނޑު ހޮހަޅައިގެ ދޮރުމަތިން ފެނުނު ނަމަވެސް، އަނެއް ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ އެތެރޭގައި އޮންނަ، ގާތްގަނޑަކަށް 165 ފޫޓު އަޑީގައިވާ ކޮޓަރިއެއްގެ ތެރެއިންނެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ ވިދާޅުވި ގޮތުގައި، ހޮހަޅައިގެ ތެރޭގައި އޮންނަ ވެލިގަނޑެއްގެ ސަބަބުން ހޮހަޅައިން ނުކުންނަން އުޅޭއިރު، ކުރިން ވަދެގެން އައި މަގު ފާރެއްގެ ސިފައިގައި ފެނި އޮޅުމަކަށް މަގުފަހިވެއެވެ.
"އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް،" މަރޯނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އެ މީހުންނަށް ވަދެވުނު ކޮރިޑޯއަކީ އެއްކޮޅު ބަންދުވެފައިވާ ތަނެކެވެ. އަދި އެހާ އަޑީގައި އާދައިގެ ސިލިންޑަރު ބޭނުންކޮށްގެން ތިބެވޭނީ ގާތްގަނޑަކަށް 10 މިނެޓް ކަމަށްވާއިރު، މަގު އޮޅުމުން ކުރިމަތިވި ބިރުވެރިކަމުގެ ތެރޭގައި އޮކްސިޖަން އަވަހަށް ހުސްވީ ކަމަށް ބެލެވެއެވެ.
މި ހާދިސާ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި، ރާއްޖޭގެ ގަވާއިދުތައް ބުނާ ގޮތުން ފަތުރުވެރިންނަށް ޑައިވް ކުރެވޭނީ އެންމެ ފުންވެގެން 98 ފޫޓަށެވެ. ނަމަވެސް މި ގްރޫޕުން ވަނީ ގާތްގަނޑަކަށް 200 ފޫޓު އަޑިއަށް ގޮސްފައެވެ.
މި ދަތުރު އިންތިޒާމުކުރި ފަރާތުން ބުނެފައިވަނީ އެހާ އަޑިއަށް ދިއުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށާއި، އެއީ ރޭވިފައިވާ ކަމެއް ނޫން ކަމަށެވެ.
މި ހާދިސާގައި ހަށިގަނޑުތައް ނެގުމުގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސާޖަންޓް މޭޖާ މުހައްމަދު މަހުދީ ވެސް ވަނީ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން ނިޔާވެފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިން ހާދިސާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ޑައިވަރުން ބޭނުންކުރި ގޯޕްރޯ ކެމެރާތަކުގެ ފޫޓޭޖް ބަލައި، ހަގީގަތުގައި ވީގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!