އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ރާއްޖޭގައި މިއަދު ސިޔާސީ އެއްވެސް މީހަކު ޖަލަށްލާފައި ނުވާނެ ކަމަށާއި، ކޮންމެ މީހަކަށްވެސް ސިޔާސީ މަސައްކަތް ކުރުމުގެ މަގު ފަހިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އަލަށް ފެށި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލުހިފުމާއި ސިޔާސީ މީހުން ޖަލަށްލުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

Ad
rt

ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ރައީސުން ޖަލަށްލުމަކީ ހޮބީއެއްގެ ގޮތުގައި ކުރަމުން އައި ކަމެއް ނަމަވެސް، އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫނެވެ. މިއަދު ރާއްޖޭގައި ސިޔާސީ އެއްވެސް ބޭފުޅަކު ޖަލުގައި ނެތްކަން ފާހަގަކުރައްވައި، ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު އޮތްކަމާއި، ސިޔާސީ މަސައްކަތް ކުރުމުގައި މިހާރު އެއްވެސް ބިރުވެރިކަމެއް ނެތްކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ނަމަވެސް ސިޔާސީ ހަރަކާތްތައް ހިންގަންވާނީ، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ އިސްލާމްދީނުގެ އިމުގެ ތެރެއިންނާއި އަދި ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި އޮތް ނަމަވެސް، އެހެން މީހުންގެ އަބުރަށް އަރައިގަތުމަކީ ދީނާއި ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރެއް، އެ ހަމަތަކުން ބޭރުން ބަދަލުކުރުމުގެ ވާހަކަ ބައެއް ސިޔާސީ ލީޑަރުން ދައްކަވަނީ އެމަނިކުފާނު ގާއިމުކޮށްދެއްވި ސިޔާސީ ހަމަޖެހުން ނަގާލުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ވިދާޅުވީ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ލާޒިމް ކަމެއް ކަމަށާއި، އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކަކީ ސިޔާސީ މީހުން ހިމެނޭހެން އެންމެންގެ މައްޗަށް ހަމަހަމަ ކަމެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިއަށް ދިއުމުގައި އެއްވެސް މީހަކަށް ހުރަހެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.