މިރެޔާއި މާދަމާ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ސަމާލުގެ މެސެޖެއްގައި ވަނީ ވޭތުވި 24 ގަޑިއިރު އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ބޮޑު ބަޔަކަށް ގަދަ ވިއްސާރަކުރިކަން ފާހަގަކޮށްފައެވެ. މި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވައި ވަނީ އއ.ތޮއްޑޫ އަށް ކަމަށް މެޓުން ބުންޏެވެ. އެއީ 144 މިލިމިޓަރުގެ ވާރެއެވެ.
''މި ވިއްސާރާގައި މިރެޔާއި މާދަމާ، ޚާއްޞަކޮށް، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އާންމު ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ، އަދި ވާރޭ ވެހި ގުގުރާނެކަމަށް ވެސް ލަފާކުރެވޭ'' މެޓުން ބުނެފަވެއެވެ.
އެހެންކަމުން ޖުމްލަގޮތެއްގައި ހުރިހާ ފަރާތްތަކުން، ޚާއްޞަގޮތެއްގައި އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ ފަހުގެ މައުލޫމާތު އަދާހަމަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓްގެ މިސަމާލުގެ މެސެޖާއި ގުޅިގެން އެމްއެންޑީއެފުން އާންމުކުރި މެސެޖެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މިގޮތުން ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ޝިފައިން ވަނީ އިރޔުޝާދުދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!