ޕާކިސްތާނުގައި މަގުބޫލުކަން ހޯދާފައިވާ އުމުރުން 17 އަހަރުގެ ޓިކްޓޮކް ތަރި ސަނާ ޔޫސުފް މަރާލި މައްސަލާގައި، އެކަން ކުރި މީހާގެ މައްޗަށް މަރުގެ އަދަބު އިއްވައިފިއެވެ.
އިސްލާމްއާބާދު ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރުން 23 އަހަރުގެ އުމަރު ހަޔާތުގެ މައްޗަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ހިނގި މި ހާދިސާގައި، އުމަރު ހަޔާތު ވަނީ ސަނާގެ ގެއަށް ވަދެ އޭނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. ތަހުގީގުގައި އުމަރު ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި ސަނާއާ މެދު އޭނާގެ ހިތުގައި އުފެދުނު އެއްކޮޅު ލޯތްބެއްގެ ސަބަބުން، ސަނާ އޭނާއާ ވާހަކަދައްކަން ދެކޮޅު ހެދުމުން މި އަމަލު ހިންގީއެވެ.
ކޯޓުގެ ހުކުމާ ގުޅިގެން ސަނާގެ ބައްޕަ ސައްޔިދު ޔޫސުފް ހަސަން ބުނީ، މިއީ މުޖުތަމައުގައި މިފަދަ ކުށްތައް ކުރާ މީހުންނަށް ލިބިގެންދާނެ ވަރުގަދަ ފިލާވަޅެއް ކަމަށެވެ. މަރުގެ އަދަބުގެ އިތުރުން، ސަނާގެ އާއިލާއަށް ބަދަލުގެ ގޮތުގައި 2.5 މިލިއަން ރުޕީސް (ގާތްގަނޑަކަށް 9,000 ޑޮލަރު) ދެއްކުމަށް ވެސް ކޯޓުން ވަނީ އުމަރުގެ މައްޗަށް އަމުރުކޮށްފައެވެ.
ސަނާ ޔޫސުފަކީ ޓިކްޓޮކްގައި އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި، އަދި އިންސްޓަގްރާމްގައި ބައި މިލިއަން ފޮލޯވަރުން ތިބި ކުއްޖެކެވެ. އޭނާ އާންމުންގެ މެދުގައި މަގުބޫލުވީ ފެޝަން ޓްރެންޑްތަކާއި، ލަވަތަކަށް ލިޕްސިންކް ކުރުން ފަދަ ލުއި މުނިފޫހިފިލުވުމުގެ ކޮންޓެންޓްތަކުގެ ސަބަބުންނެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ 113 ސީސީޓީވީ ކެމެރާގެ ފުޓޭޖް ބަލައި، ގިނަ ސަރަހައްދުތަކެއް ބަލައި ފާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސަނާގެ މަސައްކަތަށް ފާޑުކިޔާފައިވާއިރު، ހައްގުތަކަށް މަސައްކަތްކުރާ ފަރްޒާނާ ބާރީ ފަދަ މީހުން ބުނެފައި ވަނީ މިއީ އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ނޭދެވޭ އަމަލުތަކެއް ކަމަށެވެ. އަދި ޕާކިސްތާނަކީ އަންހެން ކޮންޓެންޓް ކްރިއޭޓަރުންނަށް ނުރައްކާތެރި ތަނަކަށް ވަމުންދާކަން މި ހާދިސާއިން ހާމަވާ ކަމަށް އޭނާ ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!