އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަށް މިދިޔަ ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި އަމީން އަބްދުﷲ އާއި އިތުރު ދެ މީހަކު ޝަހީދުވެފައިވާއިރު، އަށް ކުދިންގެ ބައްޕައެއް ކަމަށްވާ އަމީން އަބްދުﷲ ދެއްކި ހިތްވަރުގަދަ ކަމުގެ ސަބަބުން، މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން ހުއްޓުވުނު ކަމަށް ސެން ޑިއޭގޯގެ ފުލުހުން ވަނީ ބުނެފައެވެ.
ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވޯލް ވިދާޅުވީ، އަމީންގެ އަމަލުތަކަކީ ބަތަލެއްގެ އަމަލުތަކެއް ކަމަށާއި، އޭނާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވި ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ހަމަލާދިން މީހުން މިސްކިތަށް ވަންނަން އުޅުމުން އަމީން ވަނީ އެމީހުންނާ ކުރިމަތިލައި، މިސްކިތް ލޮކްޑައުން ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެ ސަބަބުން އެ ސެންޓަރުގައި ހިންގާ ސްކޫލުގައި ތިބި 140 އަށްވުރެ ގިނަ ކުދިންގެ ފުރާނަ ސަލާމަތްވިއެވެ.
މި ހަމަލާގައި އަމީންގެ އިތުރުން ޝަހީދުވީ މަންސޫރު ކަޒީހާ އާއި ނާދިރު އަވަދު އެވެ. ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރު) އިން ބުނި ގޮތުގައި، ކަޒީހާ އަކީ މިސްކިތުގެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. އަދި އަވަދު އަކީ އެތަނުގެ ސްކޫލުގައި ކިޔަވައިދޭ މުދައްރިސެއްގެ ފިރިމީހާއެވެ. މި ދެމީހުންނަށް ހަމަލާދިނީ މިސްކިތުގެ ޕާކިން އޭރިއާގައެވެ.
ހަމަލާ ދީފައިވަނީ އުމުރުން 17 އަދި 18 އަހަރުގެ ދެ ފުރާވަރު ކުދިންނެވެ. ފުލުހުން ބުނި ގޮތުގައި މި ދެމީހުން ވަނީ ހަމަލާއަށްފަހު އަމިއްލައަށް މަރުވެފައެވެ. މި ހަމަލާ ތަހުގީގު ކުރަމުންދަނީ ނަފްރަތުގެ ކުށެއްގެ ގޮތުގައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ހަމަލާދިން މީހުން ގެންގުޅުނު ލިޔުންތަކުން އެމީހުންނަކީ ވަކި ނަސްލަކަށް ނުވަތަ ދީނަކަށް ނަފްރަތުކުރާ ބައެއްކަން ހާމަވެއެވެ.
އަމީން އަބްދުﷲ އަކީ އެ މިސްކިތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ، އެންމެންގެ ލޯބި ލިބިފައިވާ މީހެކެވެ. ޝައިޚް އުޘްމާން އިބްނު ފާރޫގު ވިދާޅުވި ގޮތުގައި، އަމީން ސެކިއުރިޓީ ގާޑަކަށްވީ މައުސޫމް މީހުންގެ ދިފާއުގައި މަސައްކަތް ކުރުމަށެވެ.
"އޭނާއަކީ އަބަދުވެސް ހިނިތުންވުމާއެކު އެންމެނަށް މަރުހަބާ ކިޔާ، އަލިގަދަ ނޫރެއް ފަދަ މީހެއް،" ސީއޭއައިއާރުގެ ތަރުޖަމާނު ތަޒްހީން ނިޒާމް ވިދާޅުވިއެވެ.
އަމީންގެ ދަރިފުޅު ހައްވާ އަބްދުﷲ ބުނީ، އޭނާގެ ބައްޕަ ބޭނުންވީ މުޖުތަމައުގެ އެންމެން އެކަތިގަނޑަކަށް ވެގެން ތިބުމަށް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ހަމަލާ ކުށްވެރިކުރައްވައި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޝަހީދުވި ތިން މީހުންގެ އާއިލާތަކަށް އެހީވުމަށް ހުޅުވާލި ފަންޑަށް މިހާތަނަށް 2.9 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!