އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހުންނަ ތެޔޮ އަޅާ ސްޓޭޝަންތަކުގެ ތެޔޮ ރައްކާކުރާ ޓޭންކުތަކުގެ މިންވަރު ބަލާ ސިސްޓަމްތަކަކަށް އީރާނުގެ ހެކަރުން ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފިއެވެ.
މި ހެކަރުން ބޭނުންކޮށްފައިވަނީ އިންޓަނެޓާ ގުޅާލާފައި ހުރި ނަމަވެސް، އެއްވެސް ޕާސްވޯޑަކުން ރައްކާތެރިކޮށްފައި ނުވާ "އޮޓޮމެޓިކް ޓޭންކް ގޭޖް" (އޭޓީޖީ) ސިސްޓަމްތަކުގެ ނާޒުކުކަމެވެ. މީގެ ސަބަބުން، ހެކަރުންނަށް އެ ސިސްޓަމްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ރިޕޯޓްތައް ބުނާގޮތުން، މި އެކްސެސްގެ ސަބަބުން ބައެއް ހާލަތްތަކުގައި ޓޭންކުގައި ހުރި ތެލުގެ އަދަދު ދައްކައިދޭ މިންގަނޑުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ހެކަރުންނަށް ލިބުނެވެ.
މި ސައިބަރ ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ މާއްދީ ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، މިއީ ސަލާމަތީ ގޮތުން ނުރައްކާތެރި ކަމެއް ކަމަށް އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ. އެމެރިކާގެ އޮފިޝަލުންނާއި ސައިބަރ ސެކިއުރިޓީ މާހިރުން ބުނާ ގޮތުގައި، އޭޓީޖީ ސިސްޓަމަކަށް ހުއްދަނެތި ވަދެގަތުމުން، ތިއަރީ ގޮތުން ބަލާއިރު، ޓޭންކަކުން ތެޔޮ ލީކުވާ ހާލަތެއްގައި އެކަން ސިއްރުކުރުމުގެ ފުރުސަތު ހެކަރުންނަށް އޮވެއެވެ.
މި ހަމަލާގެ ފަހަތުގައި އީރާނު އޮތް ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވޭ އެއް ސަބަބަކީ، މީގެ ކުރިންވެސް ތެޔޮ ޓޭންކުތަކުގެ ސިސްޓަމްތަކަށް އަމާޒުކޮށް އީރާނުން ހަމަލާތަކެއް ދީފައިވުން ކަމަށް ތަހުގީގުގައި ބައިވެރިވާ މަސްދަރުތަކުން ބުނެއެވެ.
ނަމަވެސް، ހެކަރުން އެއްވެސް ފޮރެންސިކް ހެއްކެއް ދޫކޮށްފައި ނުވާތީ، މީގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ކަށަވަރުކޮށް ދެނެގަތުމަކީ އެމެރިކާ ސަރުކާރަށް ދަތި ކަމަކަށް ވެދާނެ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!