ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގައި އިއްޔެ 5-0 އިން މަނަދޫ ބަލިކޮށް އޭދަފުށި ތާވަލުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

16 މެއިގައި ހަނިމާދޫ 2-1 އިން ބަލިކުރުމުން ދިއްދޫ އަށް އޮތީ ލީގު ކަށަވަރުވެފައެވެ. ދިއްދޫ އަށް ލީގު ކަށަވަރުވިއިރު، އިއްޔެ އޭދަފުށި މެޗަށް ނުކުތްއިރު އެޓީމު އޮތީ ގޯލުގެ ތަފާތުން ތާވަލުގެ ތިން ވަނާގައެވެ. އިއްޔެގެ މެޗާއި ހަމައަށް އޭދަފުއްޓާއި ހަނިމާދޫ އަށް ވެސް ކޮންމެ ޓީމަކަށް ލިބިފައި އޮތީ ހަ ޕޮއިންޓެވެ.

Ad
rt

އޭދަފުށިން އިއްޔެގެ މެޗު ފަށައި ހަތަރު ވަނަ މިނިޓްގައި ލަނޑެއްޖަހައި ލީޑު ނަގާފައެވެ. އެއީ އެ ޓީމުގެ އިބްރާހިމް ޝަރީފް ނަގައިދިން ހުރަހެއް ބޮލުންޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން އަހްމަދު ޖައުޝަން ޖަހައިދިން ލަނޑެކެވެ. އޭދަފުށީގެ ދެވަނަ ލަނޑު ޝުހްރަބް ދިން ޕާހަކުން އެޓީމުގެ އުނޭސް ޒުބައިރު ޖަހަދިންއިރު ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އޭދަފުށިން ވަނީ އިތުރު ތިން ލަނޑުޖަހައި މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ. ދެވަނަ ހާފުގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 49 ވަނަ މިނިޓްގައެވެ. އެއީ އޭދަފުށީގެ އަލީނަސީރު ނަގައިދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ވައްދާލައިގެން އޭދަފުށީގެ އުޒްބެކިސްތާން ކުޅުންތެރިޔާ ޝުހުރަބް ޖަހައިދިން ލަނޑެކެވެ. އޭދަފުށީގެ ހަތަރުވަނަ އަދި ފަސް ވަނަ ލަނޑުވެސް ޖަހައިދިނީ ޝުހުރަބެވެ. ހަތަރު ވަނަ ލަނޑަކީ ގޯލް އޭރިއާ ބޭރުގައި ހުރެފައި ޖެހި ބާރު ބޯޅައެއް ގޯލަށް ވައްދާލައިގެން މެޗުގައި 77 ވަނަ މިނިޓްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގައި ހެޓްރިކްހަދައި، ފަސް ވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ 82 ވަނަ މިނިޓްގައެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަންކަން ކަށަވަރުކުރި ދިއްދޫ އޮތްއިރު، އޭދަފުށި ވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. 6 ޕޮއިންޓާއެކު ތިން ވަނާގައި ހަނިމާދޫ އޮތްއިރު، ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި މަނަދޫ އަށް އަދި މި ލީގުގައި ޕޮއިންޓެއް ނުލިބެއެވެ.

މި ލީގުގައި ބާކީ އޮތީ ދެން އޮތީ ދެ މެޗެވެ. އެއީ 20 މެއިގައި ކުޅޭ އޭދަފުށި - ދިއްދޫ މެޗު އަދި 21 މެއިގައި ކުޅޭ މަނަދޫ - ހަނިމާދޫ މެޗެވެ.

ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ކަށަވަރުކޮށް ނޯތު ރީޖަނުން ލިބޭ ޖާގަ ދިއްދޫން ހޯދިއިރު، ނޯތު ރީޖަނަލްގެ އިތުރުން މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.