އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، އެ ސްޓޭޓްގެ ސަރުކާރުން ޚާއްޞަ ފައިސާގެ އިނާމުތަކެއް ދިނުމަށް ނިންމައިފިއެވެ.
އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދްރަބާބޫ ނައިޑޫ އިޢުލާން ކުރެއްވި ގޮތުގައި، ތިންވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 30،000 ރުޕީސް އަދި ހަތަރުވަނަ ދަރިއަކު ލިބޭ އާއިލާތަކަށް 40،000 ރުޕީސް ސަރުކާރުން ދޭނެއެވެ. މި ނިންމެވުން އިޢުލާން ކުރެއްވީ ސްރީކަކުލަމް ޑިސްޓްރިކްޓްގެ ނަރުސަންނަޕެޓާގައި ބޭއްވި 'ސްވަރުނަ އަންދްރަ، ސްވަޗް އަންދްރަ' ސާފުތާހިރުކަމުގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ.
ޗީފް މިނިސްޓަރު ނައިޑޫ ވިދާޅުވީ، މީގެ ކުރިން އޭނާއަކީ އާބާދީ ކޮންޓްރޯލް ކުރުމަށް ވަކާލާތު ކުރެއްވި ބޭފުޅެއް ނަމަވެސް، މިހާރު ސްޓޭޓްގެ އުފަންވާ ރޭޓް ދަށްވަމުންދާތީ އެ އުސޫލު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
"މިއީ އާބާދީ އިތުރުކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
މި ނިންމުމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ހާމަކުރާނެ ކަމަށް ވެސް ނައިޑޫ ވިދާޅުވިއެވެ. މީގެ ކުރިން މާރިޗު މަހު އެ ސްޓޭޓްގެ އެސެމްބްލީގައި ވާހަކަދައްކަވަމުން، ދެވަނަ ދަރިއަކު ހޯދާ އާއިލާތަކަށް 25،000 ރުޕީސް ދިނުމަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް، ސްޓޭޓްގެ ހެލްތު މިނިސްޓަރު ސަތިޔާ ކުމާރު ޔާދަވް ފަހުން ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ ތިންވަނަ ދަރިއަކަށް ވުރެ ގިނައިން ދަރިން ހޯދާ އާއިލާތަކަށް މި އެހީ ފުޅާކުރުމަށެވެ.
އާބާދީ ދަށްވަމުންދާ ސަބަބުތަކާ ބެހޭގޮތުން ނައިޑޫ ވިދާޅުވީ، ބައެއް އާއިލާތަކުން އާމްދަނީ އިތުރުވުމާއެކު އެއް ދަރިއަކު ހޯދުމަށް އިސްކަންދޭއިރު، އަނެއް ބަޔަކު ދެވަނަ ދަރިއަކު ހޯދަނީ ފުރަތަމަ ދަރިއަކީ ފިރިހެން ކުއްޖަކަށް ނުވާ ނަމަ ކަމަށެވެ. މިކަމުގެ ސަބަބުން އާބާދީގެ ކުރިއެރުން މަޑުޖެހިފައިވާތީ، ޓޯޓަލް ފާޓިލިޓީ ރޭޓް (TFR) 2.1 ގައި ހިފެހެއްޓުމަކީ ސްޓޭޓްގެ މުސްތަޤްބަލަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!