ހަންޓާ ވައިރަސް ޖެހިފައިވާ މީހުން ބަލިން ފަސޭހަވި ނަމަވެސް، އެ ބަލި ފަތުރުާ ވައިރަސް ފިރިހެނުންގެ ސްޕާމްގައި ހަ އަހަރު ދުވަހުގެ މުއްދަތަށް ހުރެދާނެ ކަމަށާއި، މީގެ ސަބަބުން ޖިންސީ ގުޅުމުގެ ޒަރީއާއިން ބަލި ފެތުރުމުގެ ނުރައްކާ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސްވިޒަލޭންޑުގެ ސަރުކާރުގެ މުއައްސަސާއެއް ކަމަށްވާ "ސްޕީޒް ލެބޯޓްރީ" އިން ކުރި މި ދިރާސާ، ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ "ވައިރަސަސް" ގައި ވަނީ ޝާއިޢުކޮށްފައެވެ.
މި ދިރާސާގައި ބަލާފައިވަނީ މީގެ ހަ އަހަރު ކުރިން ދެކުނު އެމެރިކާއިން "އެންޑީސް" ވައިރަސް ޖެހުނު އުމުރުން 55 އަހަރުގެ ސްވިޒަލޭންޑް މީހެއްގެ ހަށިގަނޑަށެވެ.
ދިރާސާއިން ދެއްކި ގޮތުގައި، އެމީހާގެ ލެޔާއި، ކުޑަކަމުދާ ތަކެއްޗާއި، ނޭވާލާ ނިޒާމުން ވައިރަސް ފެންނަން ނެތް ނަމަވެސް، ބަލިޖެހުނުތާ 71 މަސް ފަހުން ވެސް އޭނާގެ ސްޕާމްގައި ވައިރަސް ހުރިކަން ވަނީ ކަށަވަރުވެފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި، އިބޯލާ އަދި ޒިކާ ވައިރަސް ފަދައިން، ފިރިހެނުންގެ ޓެެސްޓިސް އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ނުފެނި ވައިރަސްތަކަށް "ފިލައިގެން" ތިބެވޭނެ ރައްކާތެރި ތަނެކެވެ.
މި ހޯދުމާ ގުޅިގެން ސިއްޚީ މާހިރުން އިންޒާރު ދެނީ، ހަންޓާ ވައިރަސް ޖެހިފައިވާ ފިރިހެނުން، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިބޯލާ ބަލި ޖެހޭ މީހުންނަށް ކަނޑައަޅާފައިވާ ފަދަ ހަރުދަނާ އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ބަލިން ފަސޭހަވުމަށްފަހު ވެސް ކޮންމެ ތިން މަހަކުން މަނި ޓެސްޓުކުރުމާއި، ޖިންސީ ގުޅުން ހިންގުމުން ދުރުހެލިވުން ނުވަތަ ރައްކާތެރި ގޮތްތައް ބޭނުންކުރުން ހިމެނެއެވެ.
ދުނިޔޭގެ ސިއްޚީ ނުރައްކާތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ "އެއަރފިނިޓީ" އިން ލަފާދެނީ، ހަންޓާ ވައިރަސް ޖެހޭ މީހުން ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ވެސް ޖިންސީ ރައްކާތެރިކަމާ ގުޅޭ އިރުޝާދުތައް ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން 2021 ވަނަ އަހަރު ގިނީގައި ފެތުރުނު އިބޯލާ ބައްޔަކީ ވެސް، މީގެ އަހަރުތަކެއް ކުރިން ބަލިޖެހި ރަނގަޅުވެފައި ހުރި މީހެއްގެ ފަރާތުން ޖިންސީ ގުޅުމުގެ ތެރެއިން ފެތުރުނު ބައްޔެއްކަން ފާހަގަކުރެވެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ދަރިމައިވުމަށް ބޭނުންވާ ދަރިފަނިތައް ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ހަމަލާތަކުން ސަލާމަތްކުރުމަށްޓަކައި ޓެސްޓިސް ތެރޭގައި އޮންނަ ޚާއްޞަ ރައްކާތެރިކަމުގެ ސަބަބުން، މަދުވެގެން 27 ބާވަތެއްގެ ބަލި ފަތުރުވާ ވައިރަސްތަކަށް އެތަނުގައި ގިނަ ދުވަހު ދިރިހުރެވެއެވެ.
މި އައު ހޯދުމާ ގުޅިގެން، ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީން (ޔޫކޭއެޗްއެސް) ބުނެފައިވަނީ، ބައިނަލްއަޤްވާމީ މިފަދަ ދިރާސާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ދޭންޖެހޭ އިރުޝާދުތައް މުރާޖާކުރަމުންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!