ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފުޅުކަމާމެދު ޝައްކެތްނެތެވެ.

ފުނަދޫއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ކައުންސިލްގެ މި ދައުރު ނިމިގެންދިޔައިރު އަހްމަދު އިބްރާހިމް ފުޅު ރަށު މީހުން އާންމުކޮށް ގާތްކޮށް ކިޔާނަމުންނަމަ ގުޑްލަކް އައްމަޑޭ ވަނީ ޚާއްޞަ މެސެޖެއް މީސް މީޑިއާ އަށް ދޫކޮށްލައްވާފައެވެ. ތިރީގައި އެވަނީ މި މެސެޖުގެ މުހިންމު ބައިތަކެވެ.

Ad
rt

ދިގު މުއްދަތެއްގެ އިހުލާސްތެރި ޚިދުމަތް

އަހްމަދު އިބްރާހީމްފުޅުގެ ޚިދުމަތުގެ ދަތުރު ފެށިގެން އައީ 2003 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުންނެވެ. އޭގެ ފަހުން 2006 އިން ފެށިގެން އަތޮޅު އޮފީހުގައި މަސައްކަތް ކުރެއްވުމަށްފަހު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން 2011 ވަނަ އަހަރުން ފެށިގެން މިވީ 14 ވަރަކަށް އަހަރު އޭނާ ހޭދަކުރެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސްކަމާއި ރައީސްކަމުގެ މަގާމުގައެވެ. މިއީ ރަށުގެ ތަރައްގީއަށްޓަކައި މެދުކެނޑުމެއްނެތި ކުރެއްވި މަތިވެރި ޚިދުމަތުގެ ދިގު ސިލްސިލާއެކެވެ.

ސިޔާސީ ތަފާތުކުރުންތަކުން އެއްކިބާވެ ރަށަށް އިސްކަންދިނުން

އަހްމަދުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ސިޔާސީ ފިކުރުތަކަށްވުރެ ރަށުގެ މަސްލަހަތާއި ތަރައްގީ އިސްކުރުމެވެ. ތަފާތު އެކި ސަރުކާރުތަކާއެކު މަސައްކަތް ކުރެއްވިއިރުވެސް، އޭނާގެ އަމާޒަކަށްވީ ރަށަށް ބޭނުންވާ ކަންކަން ހާސިލްކުރުމެވެ. ރަށުގެ ހައްގުގައި އަޑުއުފުލަންޖެހުނު ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ވަކާލާތު ކުރެއްވުމުގެ ނަތީޖާއަކީ، މިއަދު ފުނަދޫގެ މަލަމަތިން ފެންނަން އޮތް އުމްރާނީ އަދި އިޖުތިމާއީ ކުރިއެރުމެވެ.

''މި ދިގު ދަތުރުގައި އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށްވީ، ސިޔާސީ ތަފާތުކުރުންތަކުން އެއްކިބާވެ، ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އިސްކަންދިނުމެވެ. ހުރިހާ ސަރުކާރުތަކަކާއެކުވެސް ފުރިހަމަ އެއްބާރުލުންދީ، ރަށުގެ ހައްގުގައި އަޑުއުފުލަންޖެހުނު ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ސާބިތުކަމާއެކު އަޑުއުފުލީމެވެ. އެ މަސައްކަތްތަކުގެ ފޮނި މީރުކަން މިއަދު ރަށުގެ ތަރައްގީގެ މަންޒަރުން ފެންނަން އޮތުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.'' - އަހްމަދު އިބްރާހިމްފުޅު-

ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ

ކައުންސިލްގެ ރައީސްގެ މަގާމުން ވަކިވެވަޑައިގަންނަވާއިރު، އަހްމަދު ވަނީ އޭނާއާއެކު މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ކައުންސިލް މެންބަރުންނާއި، މުވައްޒަފުންނާއި، ރަށުގެ މުއައްސަސާތަކުގެ އިތުރުން ޒުވާނުންނާއި އާންމު ރައްޔިތުން ދެއްވި އެއްބާރުލުމަކީ އޭނާގެ ޚިދުމަތުގައި ކުރިއަށްދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަމުގައި ފާހަގަކުރެއްވިއެވެ. މިއީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނޫނީ ރަށަކަށް ކުރިއެރުން ނުލިބޭނެކަމުގެ ދިރިހުރި މިސާލެކެވެ.

އަބަދުވެސް ރަށަށް ހެޔޮއެދޭ ދަރިއެއް

މަގާމުގެ ދައުރު ހަމަވެ، ރަސްމީ ޒިންމާތަކުން ވަކިވެވަޑައިގަތް ކަމުގައިވިޔަސް، އަހްމަދު އިބްރާހީމްފުޅަކީ އަބަދުވެސް ފުނަދޫގެ ތަރައްގީއަށް އެދޭ، ރަށަށް އިޚްލާސްތެރި ދަރިއެއްގެ ގޮތުގައި ދެމިހުންނާނެ ބޭފުޅެކެވެ. އޭނާ ދޫކޮށް މިދަނީ ފަހުރުވެރި ރެކޯޑުތަކަކާއި، ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފުރިހަމަ ޚިދުމަތްތަކެކެވެ. ފުނަދޫގެ ތާރީޚުގައި އަހްމަދުގެ ނަން ލިޔެވިގެންދާނީ ރަށުގެ އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިންގުންތެރި ލީޑަރެއްގެ ގޮތުގައެވެ.

''މިއަދު އަޅުގަނޑު މަގާމުން ވަކިވެގެންދަނީ ކުރެވުނު ޚިދުމަތްތަކާމެދު ފަހުރުވެރިވާ ހާލުގައެވެ. އަބަދުވެސް އަޅުގަނޑަކީ ތިޔަބޭފުޅުންގެ ތެރެއިންވާ، ރަށަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި ދެމިހުންނާނަމެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ނުވަތަ ހިތްނުތަނަވަސްކަމެއް ކުރިމަތިވެފައިވާނަމަ، އެކަމަށް ނުހަނު އިހުލާސްތެރިކަމާއެކު މައާފަށް އެދެމެވެ.'' އަހްމަދު އިބްރާހީމް ފުޅު މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފަވެއެވެ.