އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި ދުޝްމަނުންނަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަމާޒެއްކަމަށް އީރާނުން ކަނޑައެޅި އުސޫލުގެ ދަށުން އެމެރިކާގެ ބޭސްތަކާއި ސިފައިން ތިބި ސަރަހައްދީ ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ހުޅަނގުގެ އިސް ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ހަވާލާދީ ''ރޮއިޓާސް''އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީ އެއާ ފޯސްއިން އީރާނަށް މި ހަމަލާތައް ދީފައިވަނީ މިދިޔަ މާރިޗު މަހުގެ ފަހުކޮޅުގައެވެ. މިއީ ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން އީރާނުގެ ބިމަށް ސީދާ ގޮތެއްގައި ހަމަލާދިން ކަމަށް ރިޕޯޓްކުރެވުނު ފުރަތަމަ ފަހަރެވެ.

Ad
rt

މި ހަމަލާތަކާ ގުޅޭގޮތުން ސައުދީ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާއަކީ އަބަދުވެސް ސަރަޙައްދީ ހަމަޖެހުމަށާއި، މަސްރަޙު ފިނިކުރުމަށް ވަކާލާތުކުރާ ގައުމެއް ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވެސް މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަލާތައް ދޭން ޖެހުނު ސަބަބެއް ކަމަށް ބެލެވެނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، އީރާނުން ގަލްފުގެ ހަ ގައުމަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވުމެވެ. އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، ބައެއް އެއާޕޯޓްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހަމަލާދީ، ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ޒަމާނުއްސުރެ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވެފައި އޮތް ސައުދީ އަރަބިއްޔާއިން މިފަދަ ފިޔަވަޅެއް އެޅީ، ވޭތުވެދިޔަ 10 ހަފުތާގެ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ހިމާޔަތަށް ނުބަލައި އަމިއްލަ ދިފާއުގައި މަސައްކަތްކުރަން ޖެހިފައިވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައުދީގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް އީރާނަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އީރާނާއެކު އޮތް ގުޅުން އިތުރަށް ގޯސްވިޔަނުދިނުމަށްޓަކައި ސައުދީން އަންނަނީ އީރާނުގެ ސަރުކާރާއެކު ސިއްރު މަޝްވަރާތައް ބާއްވަމުންނެވެ. އެގޮތުން ރިޔާޒުގައި ހުންނަވާ އީރާނުގެ ސަފީރު މެދުވެރިކޮށް ގަވާއިދުން މުއާމަލާތް ކުރަމުންދާ ކަމަށްވެސް މަސްދަރުތަކުން މައުލޫމާތުދެއެވެ. ސައުދީގެ އަމާޒަކީ އަމިއްލަ ދިފާއުގައި ހަމަލާދިން ނަމަވެސް، މުޅި ސަރަޙައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުނަނުދީ ހިފެހެއްޓުމެވެ.