ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިރޭ އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިރޭ ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ފަސް ދުވަހު (މިމަހުގެ 9 އިން 13އަށް) ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހާއްސަގޮތެއްގައި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

Ad
rt

މެޓުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ދަނީ ވައި ގަދަވަމުންނެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް ބުނެފަވެއެވެ.

މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން، ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާބެހޭ މައުލޫމާތު އަދާހަމަކުރުމަށް މެޓުން ވަނީ ނަސޭހަތްތެރިވެފައެވެ.