މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވެގެންވާ "ހެޔޮ ގޮތުގައި ވެވޭ ޙައްޖެއް" ކަމުގައި ތިމާގެ ޙައްޖު ވުމަށްޓަކައި، ޙައްޖަށް ދިޔުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ހެޔޮ ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އަޅުކަމެއްމެ މާތް ﷲގެ ޙަޟުރަތުގައި މަޤްބޫލުވާނީ އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތައް ފުރިހަމަވެގެންނެވެ. އެއީ މާތް ﷲގެ ވަޖުހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު، ކީރިތި ރަސޫލާ ﷺ އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތަށް އެ ކަމެއް ކުރުމެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ޙައްޖަށް ދިޔުމުގެ ކުރިން ތިމާގެ ދިރިއުޅުން އިޞްލާޙުކޮށް، އިޚްލާޞްތެރި ތައުބާއަކުން ތައުބާވާންޖެހެއެވެ. އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތީގެ މަޢުލޫމާތު ލިޔެފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޙައްޖުގެ އަޅުކަމަށް ކުރާ ޚަރަދުތަކަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެއެވެ. މިކަމުގެ މުހިންމުކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނަ ޚުޠުބާގައި ގެނެސްދީފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ މާތް ﷲއީ ހުސްޠާހިރުވަންތަ ރަސްކަލާނގެ ކަމަށާއި، ޠާހިރު އަދި ޙަލާލު ތަކެއްޗާއި ކަންތައް މެނުވީ އެކަލާނގެ ޤަބޫލުނުކުރައްވާނޭ ކަމަށެވެ.
މީގެ އިތުރުން، ޙައްޖަށްދާ މީހާ ދެއްކުންތެރިކަމުން ދުރުހެލިވެ، އިޚްލާޞްތެރިކަމާއެކު މި މަތިވެރި އަޅުކަން އަދާކުރާނެ ގޮތާއި، އޭގެ ޙުކުމްތައް ރަނގަޅަށް އުނގެނި ދަސްކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޙައްޖުގެ އަޅުކަމަށްފަހު ފެންނަންޖެހޭ ބަދަލުތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، ހެޔޮ ގޮތުގައި ވެވުނު ޙައްޖެއްގެ އަލާމާތަކީ ޙައްޖަށްފަހު ތިމާގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވުމެވެ. އަދި މާތް ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ، އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވާ މީހެއްކަމުގައި ތިމާ ވެގެންދިޔުމެވެ.
ޙައްޖުގެ ވަގުތާއި މުހިންމުކަމާ ގުޅޭގޮތުން ޚުޠުބާގައި ބުނީ، ޙައްޖަކީ އަހަރަކު އެއްފަހަރު އަދާކުރެވޭ އަޅުކަމެއް ކަމަށާއި، ޙައްޖަށް އިޙްރާމް ބަނދެވޭނީ ޝައްވާލު މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ކަމަށެވެ. އަދި ޙައްޖު މަހުގެ ނުވަވަނަ ދުވަހު ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމަށާއި، އެ ރުކުން އަޅައިފި މީހަކަށް އެ އަހަރަކު ޙައްޖު ނުލިބޭނެކަންވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!