އުންމީދު އައުކޮށް ކަމަރު ބަންނަންވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް 2028 ކާމިޔާބުކޮށް ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބުއްރަހީމް މިފަދައިން ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު 2026 ގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހުންނަ ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.
ހިމަންދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ވޭތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހު އެ ރަށުގައި އޮތް އެހެން ފިކުރުތައް 6-0 އިން ބަލިކޮށް، ރައީސް މުޢިއްޒަށް ހޯއްދަވައިދެއްވި ކާމިޔާބީއަކީ ފާހަގަކުރަންޖެހޭ ފަޚުރުވެރި ބަދަލެއް ކަމަށެވެ. އެކަމަށްޓަކައި އެ ރަށުގެ ރައްޔިތުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"މިއީ މާޔޫސްވާންވީ ވަގުތެއް ނޫން، މިއީ އުންމީދު އާކުރަންވީ ވަގުތު. އަޅުގަނޑުމެން ހިތްވަރާއެކީ ނުކުންނަންވީ 2028 ވަނަ އަހަރު ރައީސް މުޢިއްޒާއެކު ކާމިޔާބުކުރުމަށް އަޒުމް އާކޮށް ކަމަރު ބަންނަން،" އަބުދުއްރަހީމް ވިދާޅުވެފަވެއެވެ.
މަގުމަތިންނާއި ކަންކަންމަތިން ދައްކާ ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސްކުރައްވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފިކުރަކީ ޤައުމީ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ އެއްބައިވަންތަކަމުގެ ފިކުރު، އަޅުގަނޑުމެންގެ ފިކުރަކީ ސުލްހަ މަސްލަހަތުގ ފިކުރު، އެހެންވީމަ އަޅުގަނޑު މި ދެންނެވީ ތިބޭފުޅުންނަށް މަގުތައްމަތިންނާއި ކަންކަންމަތިން ދައްކާ ވާހަކަ އަޑުއައްސަވާނެކަމެއްނެތޭ،" - އަބުދުއްރަހީމް-
އޭނާ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ޕީއެންސީން ރައްދުދޭނީ ޢަމަލާއި ބަހުން އަދި ނަތީޖާ ނެރެދީގެން ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ތާރީޚަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، 2008 އިން ފެށިގެން މިހާތަނަށް އެކި ފިކުރުތަކުގެ ވެރިކަންތައް ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ދެ ވެރިކަމާއި، ކުރީގެ ވެރިކަންތައް އަޅާކިޔާލުމުން ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ތަފާތު ވަރަށް ސާފުކޮށް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"2008 އިން ފެށިގެން މި ހިސާބަށް އަޅުގަނޑެއްނެތިން ވެރިކަންކުރެއްވި ބޭފުޅުންގެ ފަތިފުއް ކިޔާކަށް، އެކަމަކު އަޅުގަނޑު ދައްނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފިކުރުގައި ކުރި ވެރިކަން ވެސް ތަޖުރިބާކޮށްގެންނޭ، އަދި އެމްޑީޕީގެ ފިކުރުގައި މީގެކުރިން ކުރި ދެ ވެރިކަން ވެސް ތަޖުރިބާކޮށްގެންނޭ، އަދި މިހާރު މިގެންދަނީ ޕީއެންސީގެ ފިކުރުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ވެސް ތަޖުރިބާ ކުރަމުންނޭ، އަޅާ ކިޔާލީމައި ތަފާތު ފެންނާނޭ، އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމަ ކޯޓުން ނަތީޖާ ނެރޭ ބަޔެއްނޫން،" -އަބުދުއްރަހީމް-
"އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ، އެއަށް އިޙްތިރާމްކޮށް، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ކުރިއަށް އޮތްތަން ރާވަން އެނގޭ، ރާވަން ކެރޭ ހިތްވަރު ހުރި ބައެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ރައްޔިތުންގެ ބަސް އަޑުއައްސަވައިފި ކަމަށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރަށްވައި، ބަދަލުތަކާއެކު ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ސަރުކާރުން އެ ބަދަލުތައް ގެންނަމުންދާ ކަމަށާއި، ގައުމު ހަލަބޮލިކުރަން އިތުރަށް ޖާގަ ނުދީ 2028 ވަނަ އަހަރުގެ ކާމިޔާބީއަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް އޭނާ ގޮވާލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!