ހދ. ފިނޭގައި ޑެންގީ ހުން ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރޭގައި މަދިރި އާލާވާ ތަންތަން ބަލައި ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ފިނޭގައި ބަލި ފެތުރުން ހުއްޓުވުމަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ފިނޭ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 މެއި 3 އިން ފެށިގެން އެ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ބަލައި، އެ ތަންތަން ވަނީ ސާފުކޮށްފައެވެ. މި މަސައްކަތުގައި ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް، ހެލްތް މިނިސްޓްރީން ހޯމަ ދުވަހު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 400 އިންސައްތައަށް ވުރެ އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 374 ކޭސްއެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު 679 ކޭސް ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހު 428 ކޭސް، މާޗް މަހު 600 ކޭސް އަދި އޭޕްރީލް މަހުގެ 27ގެ ނިޔަލަށް 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ޑެންގީގެ ހާލަތު ގޯސްވަމުންދާއިރު، މިދިޔަ އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކާއި އިތުރު ޒުވާނަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!