ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ އަހަރީ ރޭގަނޑުގެ ކެއުން ވޮޝިންޓަން ހިލްޓަންގައި ކުރިއަށް ދަނިކޮށް، ހޮނިހިރު ދުވަހުގެ ރޭ މީހަކު ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެހެނިހެން އިސް މެހެމާނުން ތިއްބެވި މައި ހޯލުން ބޭރުގައެވެ.
މި ހަމަލާގައި ރައީސް ޓްރަމްޕަށް އެއްވެސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. ހާދިސާއާ ގުޅިގެން ސީކްރެޓް ސާވިސްގެ އޭޖެންޓުން ވަނީ ވަގުތުން ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ސްޓޭޖުން ބާލައި، ރައްކާތެރި ތަނަކަށް ގެންގޮސްފައެވެ.
މީގެ އިތުރުން ނައިބު ރައީސް ޖޭ.ޑީ ވެންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އެފް.ބީ.އައި ޑިރެކްޓަރު ކާޝް ޕަޓޭލް ހިމެނޭގޮތަށް ކެބިނެޓްގެ އިސް ބޭފުޅުން ވެސް ވަނީ ހޮޓަލުގެ ރައްކާތެރި ކޮޓަރިތަކަށް ބަދަލުކޮށްފައެވެ.
ހާދިސާ ހިނގި ވަގުތު މެހެމާނުން ތިބީ ފުރަތަމަ ކޯސް ކެއުމަށް އިންސާފުކުރަމުންނެވެ. ބަޑީގެ އަޑާއެކު ސަލާމަތީ ބާރުތަކުން ހޯލަށް ވަދެގަނެ، އެންމެން ތިރިވުމަށް އެންގުމުން އެތައް ސަތޭކަ މެހެމާނުން ވަނީ މޭޒުތަކުގެ ދަށަށް ވަދެ ނިވާވެފައެވެ.
އެ ވަގުތު ހޯލް ތެރޭގައި ބޮޑު ހާސްކަމެއް އުފެދިފައިވާއިރު، ބައެއް މީހުން "ޔޫއެސްއޭ!" އޭ ކިޔައި އަޑުގަދަކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަޑީގެ ހަމަލާތަކެއް ދިންކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭގަނޑު 8:30 ހާއިރުއެވެ. މި ހަމަލާ ދީފައިވަނީ ބޯލްރޫމްގެ ބޭރުގައި ހުންނަ މައި މެގްނެޓޯމީޓަރު ސްކްރީނިންގ ސަރަހައްދު ކައިރީގައެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނި ގޮތުގައި، ޝޮޓްގަންއެއް ހިފައިގެން ހުރި ތުހުމަތުކުރެވޭ މީހާ ވަނީ ސީކްރެޓް ސާވިސް އެޖެންޓަކަށް އަމާޒުކޮށް ބަޑިޖަހާފައެވެ. ނަމަވެސް އެއްވެސް އޮފިސަރަކަށް އަދި ބައިވެރިއަކަށްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިހާދިސާގައި ބަޑިޖެހި މީހާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ.
BREAKING: President Trump has shared footage of the White House Correspondents’ Dinner shooting and a photo of the suspect. pic.twitter.com/3H1M7hwKbj
— Collin Rugg (@CollinRugg) April 26, 2026
މި ހާދިސާއާ ގުޅިގެން ރައީސް ޓްރަމްޕް ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ސީކްރެޓް ސާވިސް އާއި ފުލުހުންގެ ހިތްވަރުގަދަ އަމަލުތަކަށް ތައުރީފު ކޮށްފަވެއެވެ. އެފް.ބީ.އައި އާއި މެޓްރޯޕޮލިޓަން ޕޮލިސް ގުޅިގެން މިހާރު ދަނީ މި ހަމަލާގެ މަގްސަދު ތަހުގީގު ކުރަމުންނެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރައީސް ވޭޖިއާ ޖިއަންގް ވިދާޅުވީ، ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށްފަހު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން ހަފްލާގެ ތާވަލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!