އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އަމާޒުކޮށް، އީރާނުން ޕާކިސްތާނަށް "އަމަލީ އޮނިގަނޑެއް" ހިއްސާކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އަމަލީ އޮނިގަނޑަކާ ގުޅޭގޮތުން އީރާނުގެ ވިސްނުން ޕާކިސްތާނާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި އޮނިގަނޑުގެ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އަރަގްޗީގެ މި ދަތުރުފުޅަކީ "ވަރަށް ކާމިޔާބު" ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ސަރަހައްދަށް ސުލްހަ ގެނައުމަށާއި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނުން އަދާކުރާ "އަޚުވަންތަ މަސައްކަތްތަކަށް" އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ. އެހެންނަމަވެސް، ޑިޕްލޮމަސީގެ މަގުން މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ގެންގުޅޭ ނިޔަތާ މެދު އޭނާ ވަނީ ޝައްކު އުފައްދަވާފައެވެ.
"ޑިޕްލޮމަސީއާ މެދު އެމެރިކާ ހަގީގަތުގައި ވެސް ސީރިއަސްތޯ އަދި ބަލަން އެބަޖެހޭ،" އަރަގްޗީ ވިދާޅުވިއެވެ.
ފަހަކަށް އައިސް ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ޕާކިސްތާނުން ދަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ހުކުރު ދުވަހުގެ ރޭ ޕާކިސްތާނަށް ވަޑައިގެންނެވި އަރަގްޗީ ވަނީ ހޮނިހިރު ދުވަހު އިސްލާމްއާބާދުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅަށްފަހު އޭނާ މަސްކަޓާއި މޮސްކޯއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން މުޅި މެދުއިރުމައްޗަށް ފެތުރިފައިވާ މި ހަނގުރާމަ ހުއްޓާލުމަށް، މީގެ ދެ ހަފުތާ ކުރިން އިސްލާމްއާބާދުގައި ފުރަތަމަ ބުރުގެ ވާހަކަތައް ބޭއްވި ނަމަވެސް، އަދި މިހާތަނަށް ދާއިމީ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން ޕާކިސްތާނުން މެދުވެރިވެގެން ހަމަޖެއްސި ދެ ހަފުތާގެ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރައްވާފައެވެ.
މި ދަނޑިވަޅުގައި، ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި މުޝީރު ޖެރެޑް ކުޝްނާ ޕާކިސްތާނަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ބޭނުމެއް ނެތް ވާހަކަތަކެއް ދެއްކުމަށްޓަކައި 18 ގަޑިއިރުގެ ދަތުރެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، ހުރިހާ ބާރެއް އޮތީ އެމެރިކާގެ އަތުގައި ކަމަށެވެ.
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާ ކުރުމަށް އިންކާރުކުރަމުންދާއިރު، އެ ގައުމުގެ ހުށަހެޅުންތައް އަންގަމުންދަނީ ޕާކިސްތާނު މެދުވެރިކޮށެވެ. ދެ ގައުމުގެ މެދުގައި އެއްބަސްނުވެވި އޮތް މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައާއި، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމުގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!