ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު ޝިފާއު (29އ) އެވެ.
މި ވައްކަމުގެ ތެރޭގައި 60 އިންޗި އާއި 65 އިންޗީގެ ދެ ޓީވީގެ އިތުރުން، 240 އެމެރިކާ ޑޮލަރުގެ އަގު ހުރި އަގުބޮޑު ގުޗީ ބްރޭންޑްގެ ސެންޓުފުޅިތަކެއް ވަގަށް ނަގާފައިވެއެވެ.
މި މައްސަލައިގައި ވަގަށް ނެގި ހުރިހާ ތަކެތި ފުލުހުން ވަނީ ހޯދައި، މިހާރު ވެރިފަރާތާ ހަވާލުކޮށްފައެވެ.
މިލަންދޫގައި ހިނގި މި ވައްކަމުގެ އިތުރުން، އެ ރަށުގެ ގެއެއްގެ ގަރާޖަކުން 120,000 ރުފިޔާއަށްވުރެ އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގަރާޖުން ވަގަށް ނަގާފައިވަނީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރާއި ބުރަފައްޗެކެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތި ވަނީ ބޯޓެއްގެ ކައްޕިއަކަށް 2,500 ރުފިޔާއަށް ވިއްކާލާފައެވެ. ނަމަވެސް، ފުލުހުން ކުރި މަސައްކަތުން މި ތަކެތި މިހާރު ވަނީ ހޯދާފައެވެ.
ފުލުހުން ބުނި ގޮތުގައި، މިލަންދޫ ގެއަކުން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު، ރަށު ތެރޭގައި ހިނގާ މިފަދަ ވައްކަންތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!