އޮމާން ކަނޑުގައި އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކޭޑް ތެރެއިން ދަތުރުކުރަން މަސައްކަތްކުރި އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ އަސްކަރިއްޔާއިން ހިފަހައްޓައިފިއެވެ.
މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައެވެ.
އެމެރިކާގެ އަސްކަރީ އޮޕަރޭޝަން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓްރޫތް ސޯޝަލް" މެދުވެރިކޮށް 19 އެޕްރީލް 2026 ގައި އިއުލާނުކުރި ގޮތުގައި، ހިފަހައްޓާފައިވަނީ އީރާނުގެ ބަންދަރު އައްބާސްއަށް ދަތުރުކުރަން އުޅުނު 900 ފޫޓު ދިގު ކޮންޓެއިނަރު އުފުލާ ބޯޓެއް ކަމަށްވާ "ޓޫސްކާ" އެވެ. އެމެރިކާގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރެއް ކަމަށްވާ "ޔޫ.އެސް.އެސް ސްޕްރޫއަންސް" އިން މި ބޯޓު ހުއްޓުވުމަށް ހަ ގަޑިއިރަށްވުރެ ގިނައިރު އިންޒާރު ދީފައިވެއެވެ.
ބޯޓުގެ ފަޅުވެރިން އިންޒާރުތަކަށް އިޖާބަ ނުދިނުމުން، އެމެރިކާގެ ޑިސްޓްރޯޔަރުން ވަނީ ބޯޓުގެ އިންޖީނު ރޫމަށް ބަޑިން ހަމަލާދީ، ބޯޓުގެ ދަތުރުކުރުމުގެ ނިޒާމު ހުއްޓުވާލާފައެވެ. އޭގެ ފަހުން އެމެރިކާގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓްގެ ސިފައިން ހެލިކޮޕްޓަރު މެދުވެރިކޮށް ބޯޓަށް އަރައި، އެ އުޅަނދު އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް (ހައިޖެކްކޮށްފައިވާކަމަށް) ސެންޓްކޮމް އިން ވަނީ ބުނެފައެވެ.
އީރާނުގެ ރައްދު ހަމަލާ
އީރާނުގެ ދައުލަތުގެ މީޑިއާތަކުން މި އަމަލު ސިފަކޮށްފައިވަނީ "ކަނޑުފޭރުމުގެ" އަމަލެއްގެ ގޮތުގައެވެ. އައި.އާރު.ޖީ.ސީ އާ ގުޅުންހުރި ތަސްނީމް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ހިފެހެއްޓިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އީރާނުގެ ފައުޖުތަކުން ވަނީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނުކަން މިހާތަނަށް މިނިވަން މަސްދަރުތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަސްލަހަތު ގޯސްވުން
އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނިގޮތުގައި، އެމެރިކާގެ މި އަމަލަކީ އެޕްރީލް 8 ގައި ފެށުނު ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެކެވެ. ރައީސް ޓްރަމްޕް ވިދާޅުވީ "ބޯޓު މިހާރު އޮތީ މުޅިން އަހަރެމެންގެ ބެލުމުގެ ދަށުގައި، އަދި ބޯޓުގައި ހުރީ ކޮން އެއްޗެއްތޯ ބަލަމުންދަނީ" ކަމަށެވެ. މިއީ އެޕްރީލް 13 ގައި އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރި ފަހުން، ބޯޓަކަށް އަރައި ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
ހާލަތު ގޯހުން ގޯހަށް
މި ހާދިސާ ހިނގާފައިވަނީ ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން (އައި.އާރު.ޖީ.ސީ ނޭވީ މެދުވެރިކޮށް) އެޕްރީލް 17-18 ގައި 24 ގަޑިއިރަށް ކަނޑުއޮޅި ހުޅުވާލުމަށްފަހު، އަލުން ހަރުކަށިކޮށް ބަންދުކޮށްފައެވެ. އެއީ އެމެރިކާއިން ބޯޓުފަހަރު ހިފެހެއްޓުން ކުރިއަށް ގެންދާތީ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެއެވެ. މީގެ ސަބަބުން ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އައި.އާރު.ޖީ.ސީގެ ގަންބޯޓުތަކުން ވިޔަފާރި ބޯޓުފަހަރަށް (އިންޑިއާގެ ދިދަ ޖަހާފައިވާ ޓޭންކަރުތައް ހިމެނޭހެން) ހަމަލާދޭ ކަމުގެ ރިޕޯޓްތައް ލިބެމުންދެއެވެ.
އެމެރިކާއިން ބުނަނީ އީރާނުގެ ބަނދަރުތަކާއި އީރާނާ ގުޅުންހުރި ބޯޓުފަހަރު ބަންދުކޮށްފައި އޮތް އޮތުން ދޫކޮށްލާނީ ބޮޑު އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ. ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަނީ އެއްބަސްވުމާ ހިލާފުވާ ކަމަށެވެ. ޓްރަމްޕް މި ބޯޓު ހިފެހެއްޓުން ސިފަކުރީ "ޣައިރު ގާނޫނީ ހަރަކާތްތަކާ" ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް އީރާނުން ބުނަނީ މިއީ ބޮޑު ހަނގުރާމައަކަށް މަގުފަހިވާ ފަދަ އުދުވާނީ އަމަލެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!