ވިލާތުގެ އިއްތިހާދު (އީޔޫ) އާއި އިސްރާއީލާ ދެމެދު ގާއިމުކޮށްފައިވާ އެސޯސިއޭޝަން އެގްރީމަންޓް ނިމުމަކަށް ގެނައުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ގޮވާލައްވައިފިއެވެ.

މިކަމަށް އޭނާ ގޮވާލެއްވީ އާދީއްތަ ދުވަހު ސްޕެއިންގެ އެންޑަލޫޝިއާގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އިސްރާއީލަށް ކިޔުއްވާ ފާޑުކިޔުންތައް އިތުރަށް ވަރުގަދަކުރައްވަމުން ސަންޗޭޒް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ނުވަތަ އީޔޫގެ އަސާސީ އުސޫލުތަކާ ހިލާފުވާ އެއްވެސް ސަރުކާރަކަށް އީޔޫގެ ބައިވެރިއެއްގެ ގޮތުގައި ދެމިނޯވެވޭނެ ކަމަށެވެ. މީގެ އިތުރުން، އަންގާރަ ދުވަހު ލަގްޒެމްބާގްގައި ބާއްވާ އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، މި އެއްބަސްވުން އުވާލުމަށް ސްޕެއިނުން ރަސްމީކޮށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަންޗޭޒް ފާހަގަވެފައިވަނީ އީޔޫގެ ލީޑަރުންގެ ތެރެއިން އިސްރާއީލުގެ އަމަލުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާގެ ގޮތުގައެވެ. އޭނާ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަކީ "ބޮޑު ގޯހެއް" ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އިސްރާއީލުން ލުބުނާނަށް މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހައަށް ހުރަސްއެޅި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެތައް ބަޔަކު ރެފިއުޖީންނަށް ވާންޖެހިފައިވާތީ، މެދުއިރުމަތީގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ސަންޗޭޒް ވަނީ ގޮވާލައްވާފައެވެ.

މި މައްސަލައިގައި ސްޕެއިންގެ އިތުރުން އަޔަލޭންޑް އަދި ސްލޮވީނިއާގެ ޚާރިޖީ ވަޒީރުން ވެސް ވަނީ އީޔޫގެ އިސް ޑިޕްލޮމެޓް ކާޖާ ކާލަސްއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އިސްރާއީލުން އިންސާނީ ހައްގުތަކާ ހިލާފުވަމުންދާ ކަމަށާއި، ހުޅަނގު އައްސޭރީގައި ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެސޯސިއޭޝަން އެގްރީމަންޓާ އިސްރާއީލުން ހިލާފުވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މި އެއްބަސްވުން އުވާލުމަށް ހުށަހަޅާ ހުށަހެޅުމަށް އީޔޫގެ ތެރެއިން ކާމިޔާބީއެއް ލިބުމަކީ ނާދިރު ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ އީޔޫގެ މިފަދަ ނިންމުމެއް ނިންމުމަށް މެންބަރު 27 ގައުމުގެ އިއްތިފާގު ބޭނުންވާއިރު، ޖަރުމަނު ފަދަ ގައުމުތަކުން މިފަދަ ފިޔަވަޅުތަކާ ދެކޮޅު ހަދާނެތީއެވެ. މީގެ ކުރިންވެސް އިސްރާއީލުގެ ބައެއް ވަޒީރުންނަށް ފިޔަވަޅު އެޅުމަށް ހުށަހެޅުނު ހުށަހެޅުންތަކަށް އީޔޫގެ އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އީޔޫއަށް ކަނޑައަޅާފައި ހުންނަ އިސްރާއީލުގެ އެމްބަސީން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.