ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު އއ. ރަސްދުއަށް ޒިޔާރަތް ކުރައްވައިފިއެވެ.
އޭޕްރިލް 4ގެ އިންތިޚާބުގައި އއ.އަތޮޅުގެ ރަށްތަކުން ޕީއެންސީ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ރަސްދުއަށް
މި ދަތުރުފުޅަކީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ދާއިރާއިން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނބަލުން ރަސްދުއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޕީއެންސީން މަޢުލޫމާތު ދޭގޮތުގައި، އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގައި ރަސްދޫ އާއި އެ ދާއިރާގެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިފަހަރު ކާމިޔާބުކުރީ ޕީއެންސީންނެވެ. އަދި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއްވެސް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން، އއ. އަތޮޅުގައި އެމްޑީޕީގެ މައި މަރުކަޒެއްގެ ގޮތުގައި ކުރިން އޮތް އުކުޅަހުގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު، އެމްޑީޕީގެ ތާއީދު ބޮޑު ތޮއްޑޫއިންވެސް ޕީއެންސީން ވަނީ ތާރީޚީ ކާމިޔާބެއް ހޯދާފައެވެ.
މުޅި އއ. އަތޮޅަށް ބަލާއިރު، އެންމެ ގިނަ ގޮނޑިތަކާއެކު ބޮޑު އަޣުލަބިއްޔަތެއް ހޯދައި، އަތޮޅުގެ ވޯޓުގެ ބޮޑު އިންސައްތައެއް ކާމިޔާބުކުރީ ޕީއެންސީންނެވެ.
ރައީސްގެ މި ދަތުރުފުޅަކީ މި ބޮޑު ކާމިޔާބީގެ އުފަލުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!