ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންތަކެއް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

Ad
rt

މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އަދި އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

މީގެ އިތުރުން، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)، ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، އިއްޔެގެ ވަގުތެއްގައި ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކޮށްފައެވެ.