ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވަނީ އޭނާ މަގާމު ދޫކޮށްލެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ސަބަބެއް ވިދާޅެއްނުވެއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާ ގޮތުގައި މަތީން މިއަދު މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީކަމަށް މަތީން އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މަތީން ވަނީ ޕީޕީއެމްގެ ވެރިކަމުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރުކަން ވެސް ކުރަށްވާފައެވެ.
އޭޕްރިލް 7 ވަނަ ދުވަހު ފެން ކުންފުނީގެ ބޯޑުން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ޝާހިދު މަގާމުން ދުރުކޮށްފައެވެ.
މަތީން މަގާމުން އިސްތިއުފާދެއްވިއިރު، މިއަދު ވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޯޕަރޭޝަން (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މަގާމުން އިސްތިއުފާދެއްވާފައެވެ.
އޭޕްރިލް 6 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ވެސް މަގާމުން ވަކިކުރަށްވާފައިވާއިރު، ހަމަ އެދުވަހު ވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިންދީދީ ވެސް މަގާމުން ވަކިކޮށްފައެވެ. އަދި އެދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އިސްތިއުފާ ހުށަހެޅުމުން އިސްތިއުފާ ގަބޫލުކޮށް އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!