ހއ. މޮޅަދޫގެ ފަޚުރުވެރި ތާރީޚާއި، މުއްސަނދި ސަގާފަތުގެ އިތުރުން ރަށުގެ ހިތްގައިމު ގުދުރަތީ ވެށި ރަމްޒުކޮށްދޭ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ' އިއްޔެ ރަސްމީކޮށް އާންމުކޮށްފިއެވެ.
މޮޅަދޫ ކައުންސިލުން މައުލޫމާތު އާންމުކޮށްފައިވާ ގޮތުގައި، މި އައު ލޯގޯ ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މޮޅަދޫއަކީ ގުދުރަތީ ގޮތުން މުއްސަނދި، އަދި ހިތްހެޔޮ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ސިފަކޮށްދިނުމަށެވެ. މި ލޯގޯއިން ރަށުގެ ޚާއްސަ ސިފަތައް ފެނިގެންދާއިރު، މިއީ ރަށަށް ރަމްޒުކޮށްދޭ ހާއްސަ ނިޝާނެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ފަސް ބައެއް (އެލަމެންޓްސް) ބޭނުންކޮށްފައިވެއެވެ. އެއީ ވެލާ، އިރު، ކުޅި، މޮޅަދޫގެ ޗާޓް އަދި މޫދެވެ. މުޅި ލޯގޯ ފަރުމާކޮށްފައިވަނީ 'ޓްރޮޕިކަލް' އިހުސާސެއް ގެނެވޭ ފަދަ ޒަމާނީ ގޮތަކަށެވެ. މީގެ އިތުރުން މުސްތަގުބަލުގައި މޮޅަދޫއަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށަކަށް ހެދުމަށް ކުރާ މަސައްކަތަށްވެސް މި ލޯގޯއިން ބާރުލިބޭނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މޮޅަދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ލޯގޯގައި ހިމެނޭ ބައިތަކަށް ބަލާއިރު، އިރުގެ ނިޝާނުން ރަށުގެ ގުދުރަތީ މުއްސަނދިކަން ސިފަކޮށްދެއެވެ. ވަކިން ހާއްސަކޮށް، މޮޅަދޫގެ ހިތްގައިމު ތުނޑީގެ އިރުއޮއްސޭ ވަގުތުގެ ރީތިކަން މިއިން ރަމްޒުކޮށްދެއެވެ. ލޯގޯގައިވާ ވެލާގެ ސިފައަކީ މޮޅަދޫއަކީ ޒަމާނުއްސުރެ ވެލާ އަރާ ރަށަކަށްވެފައި، ރަށުގެ ފަޅުތެރޭގައިވެސް ގިނަ އަދަދަކަށް ވެލާ އުޅޭތީ ހިމަނާފައިވާ ބައެކެވެ. މި ވެލާ ފަރުމާކޮށްފައިވަނީ މިޒަމާނަށް ފެތޭ ވަރަށް ސިމްޕަލް "ވެކްޓަރ" ބައްޓަމަކަށެވެ.
މޮޅަދޫ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ރަށުގެ ޗާޓު ލޯގޯގައި ހިމަނާފައިވަނީ މޮޅަދޫގެ ޖިއޮގްރަފީގެ ހާއްސަކަން ދައްކައިދިނުމަށެވެ. އަދި ލޯގޯއިން ފެންނަ ފަތުގެ ސިފައަކީ ރަށުގެ ފެހިކަމާއި، ކުޅީގެ މެންގްރޫވްސްތައް ރަމްޒުކޮށްދޭ ބައެކެވެ. މޮޅަދޫގެ ކުޅިއަކީ ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ތަނެވެ.
މޮޅަދޫ ކައުންސިލްގެ އައު 'ބްރޭންޑް އައިޑެންޓިޓީ'އާއެކު ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބައެއްތަކެތި، ފޮޓޯ: މޮޅަދޫ ކައުންސިލް
ލޯގޯގެ ތިރީ ބައިން މޫދާއި ދޮންވެލި ތުނޑީގެ ޕެޓާނެއް ފެންނަން އޮތްއިރު، މިއިން ރަމްޒުކޮށްދެނީ ރަށުގެ ވަށައިގެންވާ މުއްސަނދި ފަޅާއި ހިތްގައިމު ތުނޑީގެ އިތުރުން، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މޮޅަދޫގެ ތުނޑިއަކީ ކައިރި ރަށްރަށުގެ މީހުންވެސް ޕިކްނިކް ދިއުމަށް ޒިޔާރަތްކުރާ ހާއްސަ މަންޒިލެކެވެ.
މޮޅަދޫ، ފޮޓޯ: ސާޖިމް/ޒުވާން މަސްވެރިޔާ
މޮޅަދޫ ކައުންސިލުން ބުނީ، މި އައު ބްރޭންޑް އައިޑެންޓިޓީއާއެކު ރަށުގެ އިޝްތިހާރުކުރުމާއި، ރަށުގެ އަމިއްލަވަންތަކަން މުޅި ރާއްޖެއަށް ދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!