މާލޭގައި ފިހާރައެއްގެ ތެރޭގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު, ހަމަލާދިން މީހުންނަކީ ދައުވާލިބޭ ދެ މީހުން ކަމަށް ނިންމޭނެ މިންވަރުގެ ރިޕޯޓެއް ނޫން ކަމަށެވެ. އަދި ހަމަލާދިން މީހުން ފަހުން މަގުމަތީގައި ހަރަކާތްތެރިވާ ވީޑިއޯއެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ވީޑިއޯގެ ބައެއް މީހުންގެ މޫނު ސާފުކޮށް ނުފެންނަ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ހާދިސާއަށްފަހު، ފައިހް ފިލައިގެން އުޅުނު ކަމަށް ބުނާ ގެއަކުން ނެގި ވީޑިއޯ ފުޓޭޖެއް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް އެ ފުޓޭޖްގެ ޓައިމް ސްޓޭމްޕްގައި އޮތީ 2000 ވަނަ އަހަރުގެ ތާރީހެކެވެ. އެ ފިހާރައިގެ ކައުންޓަރަކުން ފައިހާއި އިތުރު މީހެއްގެ އިތުރުން ނިޔާވި މީހާގެ ޑީއެންއޭ ފެނިފައި ވިޔަސް، އެއީ އެ ހާދިސާއާ ފައިހް ގުޅުވޭނެ ހެއްކެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ދައުވާލިބުނު ސިރުހާންގެ އިނގިލީގެ ނިޝާން ފިހާރަ ތެރެއިން ފެނިފައި ވިޔަސް، ކާކުކަން ނޭނގޭ އިތުރު ހަތް މީހެއްގެ އިނގިލީގެ ނިޝާންތައް އެތަނުން ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ.އެހެންވެ، އެ ހަމަލާދިނީ ކޮން ބައެއްކަން ހޯދިފައިނުވާ އިނގިލީގެ ނިޝާންތައް ނިސްބަތްވާ މީހުން ކަމަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތުމުން ކުށް ސާބިތުނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!