ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައި، ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ.

މިކަމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސް މުޙައްމަދު މުޢިއްޒު އެވެ.

Ad
rt

މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ބީ.ޔޫ.ސީޖީގެ އިސްވެރީންނެވެ.

ލީސް-ޓު-އޯން މޮޑެލްގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.

މިހިނގާ މާރިޗުމަހުގެ ތެރޭގައި މި ސްކީމްގެ ދަށުން ޖުމުލަ 4 މަޝްރޫޢެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ސީ.އެމް.އީ.ސީއިން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 1224 ޔުނިޓާއި، އާރް.ސީ.ސީއާ ޙަވާލުކޮށްގެން ވިލިމާލޭގައި ތަރައްޤީކުރާ 300 ޔުނިޓްގެ އިތުރުން އެފް.ޑަބްލިއު ކޮންސްޓްރަކްޝަނުން ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރާ 182 ޔުނިޓް ހިމެނެއެވެ. މިހާތަނަށް ޖުމުލަ 2896 ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، ބާކީ ހުރި 364 ޔުނިޓްގެ މަސައްކަތް އަންގާރަ ދުވަހުގެ ރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް، އެތައް ހާސް ބަޔަކަށް ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތް" ކަމަށެވެ.

ޖުމުލަ 3260 ޔުނިޓު ހިމެނޭ މި މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 2028 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.