ހަނގުރާމައިގެ މައުޟޫޢުގައި ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

އެމެރިކާގެ ޚާރިޖިއްޔާގެ މަންދޫބެއް ރާއްޖެ ވަޑައިގެން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އިސްރާއީލު ނޫން އެހެން ކޮންމެ ޤައުމެއްގެ މަންދޫބަކު މަޝްވަރާ ކުރައްވަން އެދިވަޑައިގަތަސް އެ ފުރުޞަތު ދެއްވާނެ ކަމަށެވެ. އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސަރޖިއޯ ގޯ، ބައްދަލުވުމަކަށް އެދިވަޑައިގެންފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މަންދޫބާއެކު ބާއްވާ ބައްދަލުވުމުގައި ހަނގުރާމައިގެ މައުޟޫޢު ފެންމަތިވި ކަމުގައި ވިޔަސް، ރާއްޖެއިން އެކަމުގައި ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބިމާއި، ކަނޑާއި، ވައިގެ ސަރަހައްދު އެއްވެސް ހަނގުރާމައަކަށް ނުވަތަ އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ގުޅޭ ގޮތުން އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމަ އަދި އެއްވެސް ހަނގުރާމައަކަށް ބޭނުންކުރާކަށެއް. އެކަމެއް ނުވާނެ." ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.

މީގެ އިތުރުން، މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާ ގޮތަށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.