ހއ. އަތޮޅަށް ވެސް އަދި ދިއްދުއަށް ވެސް ތަރައްގީއަށް ކަމެއް ކޮށްދީފައި އޮތީ މި ސަރުކާރުންކަމަށް ދިއްދޫ ދާއިޜާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ދިއްދޫ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން އެ ރަށުގައި ބެއްވި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފިކުރުން ދިއްދުއަށް ކޮށްދިން ކަންކަން ވަރަށް ގިނަ ކަމަށެވެ.

Ad
rt

"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދިއްދޫ ރައްޔިތުންނަށް 3 ވައުދަކާ އެކު. އެންމެ ބޮޑަށް ރައްޔިތުން ބޭނުންވެފައި ހުރީ ބިން ހިއްކައިގެން އެއާޕޯޓެއް އެޅުމަށް. މިހާރު އެ މަސައްކަތް ކުރިއަށް އެ ދަނީ." މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ބިން ހިއްކުމަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި ރަށަކަށް ދިއްދޫ ވެގެންދާނޭކަމަށެވެ. ބިން ހިއްކަން ފެށުމާއެކު ދިއްދުއަށް ބޭނުންވަނީ ޒަމާނީ ހޮސްޕިޓަލެެކަމަށް ބުނެ އިދިކޮޅު ބޭފުޅުން ވާހަކަދައްކަމުން އައިކަމަށާއި އެކަން ވެސް ހަގީގަތަކަށް ހައްދަވައިދެއްވަނީ ރައީސް މުއިއްޒުކަމަށް މެމްބަރު ވިދާޅުވި އެވެ.

ޒުވާނުންނަށް އެދެމުންދިޔަ ބައިނަލްއަގްވާމީ ފުޓުބޯޅަ ސްޓޭޑިއަމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މި މަހުގެ 28 ވަނަ ދުވަހު ސޮއިކުރައްވާނެކަމުގެ އުފާވެރި ހަބަރު ވެސް ޖަލްސާގައި މެމްބަރު ވަނި ދެއްވާފަ އެވެ.

ދިއްދުއަށް ރައީސް ވީ ތިން ވައުދުމެ ފުދިގެންދާތަން މިހާރު ފެންނަކަމަށާއި ތަރައްގީގެ އެންމެ ގިނަ މަޝްރޫއު ހިނގާ އެއް ރަށަކަށް ދިއްދޫ ވާކަން މެމްބަރު ލަތީފް ފާހަގަކުރެއްވި އެވެ.

މެމްބަރު ވަނީ މި ހުރިހާ ވައުދުތަކެއް ފުދިގެންދާއިރު އަންނަ ލޯކަލް ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ވޯޓު ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.