ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ކްލަސްޓަރ މުނިޝަންސް ނުވަތަ ކުދި ބޮންތައް އީރާނުން ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އިސްރާއީލުން އެދިއްޖެއެވެ.
ނަމަވެސް އީރާނަކީ ކްލަސްޓަރ މުނިޝަންސް މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއްނޫނެވެ.
އިސްރާއީލުން މިގޮތަށް އެދިފައި ވަނީ 2026 ވަނަ އަހަރުގެ މާރިޗު 18 އިން 22 އަށް އީރާނުން ދިން މިސައިލް ހަމަލާތައް ހުއްޓުވަން އެ ގައުމުން ނުކުޅެދި، ދިފާއީ ނިޒާމަށް ނުކުތައި މިސައިލްތައް އިސްރާއީލްގެ ސިޓީތަކަށް އަރައި ބޮޑު ގެއްލުމަކާއި ކުރިމަތިވުމުން އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވުމުންނެވެ.
އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑަނަން ތުހުމަތުކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ ނެތަންޔާ، އަރާދު އަދި ދިމޯނާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކްލަސްޓަރ ހަތިޔާރު ބޭނުންކޮށްފައެވެ. އޭނާ ބުނީ އީރާނުން މި ހަތިޔާރު ބޭނުންކުރަނީ އިސްރާއީލުގެ 'އަޔަން ޑޯމް' ދިފާއީ ނިޒާމު ފޫއަޅުވާލައި، އާންމުންނަށް ލިބޭ ގެއްލުން ބޮޑުކުރުމުގެ މަގްސަދުގައެވެ. މި ހަމަލާތަކުގައި އެއް ރޭގެ ތެރޭގައި 115 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނާ ދެކޮޅަށް އިސްރާއީލުން މިފަދަ ތުހުމަތުތަކެއް ކުރަމުންދާއިރު، އިސްރާއީލަކީވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކްލަސްޓަރ ބޮމާއި ވައިޓް ފޮސްފަރަސް އާންމުކޮށް ބޭނުންކުރާ ގައުމެކެވެ. ހިއުމަން ރައިޓްސް ވޮޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު 9 ވަނަ ދުވަހު އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިޓް ފޮސްފަރަސް ބޭނުންކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަނގުރާމައިގެ އުސޫލުތަކުގައި ހުރި ފުށުއެރުންތައް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!