އިރާނުގެ ޑްރޯނެއް އަމާޒުވުމުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީއެކްސްބީ) ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން މެދުކަނޑާލި، އެމިރޭޓްސް އާއި ފްލައި ދުބާއީގެ ފްލައިޓްތަކުގެ އޮޕަރޭޝަން އަލުން ފަށައިފިއެވެ.

ދުބާއީ ސިވިލް އެވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފްލައިޓްތައް މެދުކަނޑާލުމަށްފަހު، މިހާރު ވަނީ ވަކި މަންޒިލްތަކަކަށް ދަތުރުތައް އަލުން ފަށާފައެވެ. އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެއާލައިންތަކުން އޮޅުންފިލުވުމަށް ފަސިންޖަރުންނަށް ވަނީ އިރުޝާދު ދީފައެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން ބައެއް ފްލައިޓްތައް ވަނީ ދުބާއީގެ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް (ޑީޑަބްލިޔުސީ) އަށް ޑައިވާޓްކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ އެއާޕޯޓުގެ ތެޔޮ ރައްކާކުރާ ޓޭންކަކަށް ޑްރޯން ހަމަލާއެއް އަރައި އަލިފާން ރޯވެގެންނެވެ. ދުބާއީ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ ހާލަތު ކޮންޓްރޯލް ކޮށްފައެވެ. ދުބާއީ މީޑިއާ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގު އޭޝިއާގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާއާ ގުޅިގެން، ދުބާއީ އެއާޕޯޓްސް އިން ވަނީ ފްލައިޓް ގަޑި ކަށަވަރު ނުވަނީސް އެއާޕޯޓަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުން

ހެނދުނު މެދުކަނޑާލި އެމިރޭޓްސްގެ ފްލައިޓްތައް ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ވަނީ އަލުން އާންމު ހާލަތަކަށް ގެނެސްފައެވެ. ނަމަވެސް ބައެއް ފްލައިޓްތައް ކެންސަލްކޮށްފައިވާތީ، ލިމިޓެޑް ޝެޑިއުލެއްގެ ދަށުން ދަތުރުތައް ކުރިއަށްދާނެ ކަމަށް އެއާލައިނުން ބުނެއެވެ. ފްލައިޓް ކެންސަލްވި ފަސިންޖަރުންނަށް އެކަން އަންގައި، ދަތުރުކުރެވޭނެ އެހެން ގޮތްތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފަސިންޖަރުންނަށް އެމިރޭޓްސްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް ބުކިންތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފްލައި ދުބާއީގެ ދަތުރުތައް

ފްލައި ދުބާއީންވެސް ވަނީ މަދު ފްލައިޓްތަކަކާއެކު ދަތުރުތައް އަލުން ފަށާފައެވެ. އެ އެއާލައިނުން ބުނި ގޮތުގައި ފްލައިޓްތަކަށް ބަދަލު އައި ފަރާތްތަކަށް މިހާރު ދަނީ ގުޅައި މައުލޫމާތު ހިއްސާކުރަމުންނެވެ.

ހުރިހާ ފަސިންޖަރުންވެސް އެއާޕޯޓަށް ދިއުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ.